ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކުރީ ސަރުކާރުގެ މަޝްރޫއުތަކަކުން ގިނަ ގެއްލުންތަކެއް!

ޖުލައި 2026 ގެ ނިޔަލަށް ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯއެއް / ފޮޓޯ: އޮޑިޓް އޮފީސް
ޖުލައި 2026 ގެ ނިޔަލަށް ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯއެއް / ފޮޓޯ: އޮޑިޓް އޮފީސް

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން 2019 އިން 2023 އަށް ކުރިއަށްގެންދިޔަ 634 މަޝްރޫޢަކަށް ޖުމްލަ 23.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ މަޝްރޫޢުތަކުގެ ޕްރޮކިއުމަންޓާއި ފައިސާ ދެއްކުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުލައި 2026 ގެ ނިޔަލަށް ބާތިލުކޮށްފައިވާ 25 މަޝްރޫޢަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 180.2 މިލިއަން ރުފިޔާގެ ތެރެއިން 76 އިންސައްތަ، ނުވަތަ 136.5 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބިފައެއް ނުވެއެވެ. މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހެޅުން ފަދަ ޤާނޫނީ ފިޔަވަޅުތައް މިނިސްޓްރީން އަޅާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބާތިލުކުރި 25 މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީ ސިޓީގެ 400 ހައުސިންގ ޔުނިޓުގެ މަޝްރޫޢަށް އެޑްވާންސްގެ ގޮތުގައި 65.99 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ 90 އިންސައްތަ އަނބުރާ ހޯދިފައެއް ނުވެއެވެ. މަސައްކަތުގެ 18.74 އިންސައްތަ ނިމިފައިވަނިކޮށް އެއްބަސްވުން ބާތިލުކުރުމަށްފަހު، މި ސަރުކާރުން ވަނީ މިދިޔަ އޮގަސްޓް 26 ގައި އެ މަޝްރޫޢު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 14 މަޝްރޫޢަކަށް ދޫކުރި 63 މިލިއަން ރުފިޔާގެ އެޑްވާންސްގެ ތެރެއިން 51.8 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިނުވާއިރު، އެ މަޝްރޫޢުތައް މިހާރު ހަވާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާއެވެ. އަދި ކުރީގެ ކޮންޓްރެކްޓަރުންނަށް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެ މަޝްރޫޢުތައް އެހެން ފަރާތްތަކާ ހަވާލުކުރުމަށް ދައުލަތުން އިތުރު 112.33 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުނުކަމަށް ރިޕޯޓުގައިވެއެވެ.

ހަމައެހެންމެ، މާލެއާއި ހުޅުމާލޭގައި 20 އޮޓޮމެޓިކް ޕާކިންގ ސިސްޓަމް ބެހެއްޓުމަށް ހިންގި 59.35 މިލިއަން ރުފިޔާގެ މަޝްރޫޢުގައިވެސް ޕްރޮކިއުމަންޓާއި ފައިސާ ދެއްކުމުގެ މައްސަލަތައް ހުރިކަމަށް އޮޑިޓުން ދައްކައެވެ. އަދި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބައެއް ޚަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ގެއްލިފައިވާއިރު، އެ ހާދިސާގައި އަނދައިދިޔަ ހަރުމުދަލުގެ މަޢުލޫމާތު ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި އަދާހަމަކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަވަހަށް ހޯދުމަށާއި، މާލިއްޔަތުގެ ގަވާއިދަށް ފުރިހަމައަށް ޢަމަލުކޮށް އެފަދަ ކަންކަން އިޞްލާޙުކުރުމަށް މިނިސްޓްރީއަށް ލަފާދީފައެވެ.