ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރައީސް މުޢިއްޒު ބޮޑު އިންވެސްޓްމެންޓެއް ގެންނެވުމުން އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމުކުރަން ދަތިވެއްޖެ: ފަލާހު



ފޮޓޯ: ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު — ފޮޓޯ: މަޖިލިސް
ފޮޓޯ: ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު — ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ބޮޑު އަދި ފައިދާހުރި އިންވެސްޓްމެންޓެއް ގެންނެވުމުން، އެކަން ހަޖަމުކުރަން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާ ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ފާޑުވިދާޅުވެއްޖެއެވެ.

ފަލާޙު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓާއެކު އޭނާ ވަނީ އިދިކޮޅު އެމްޑީޕީގެ ޖަލްސާއެއްގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވާ 10 ސިކުންތުގެ ވީޑިއޯ ކްލިޕެއް ވެސް ހިއްސާކުރައްވާފައެވެ.

އެ ވީޑިއޯ ކްލިޕްގައި މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫޢާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ވެރިކަމުގައި އެމްޑީޕީގެ ބޭފުޅަކު ނެތުމުން ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ސަރުކާރުން ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާ މެދު އިދިކޮޅު ފަރާތްތަކުން އަމަލުކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވައި އާޒިމް ވަނީ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެވެ.

އާޒިމްގެ މި ވާހަކަތައް ހިމެނޭ ވީޑިއޯ ހިއްސާކުރައްވައި ފަލާޙު ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކަށް ކުރިން ނުގެނެވުނު ފަދަ ބޮޑު އަދި ފައިދާހުރި އިންވެސްޓްމެންޓެއް ރައީސް މުޢިއްޒު ގެންނެވުމުން، އެ ފަރާތްތަކަށް އެކަން ހަޖަމުކުރަން ދަތިވުން ނޫން އިތުރު ސަބަބެއް ނެތް ކަމަށެވެ.

ފަލާޙު ކުރެއްވި މި ޕޯސްޓަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ރަސްމާލެ މަޝްރޫޢާއި ބޭރުގެ އިންވެސްޓްމެންޓްތަކާ ގުޅޭގޮތުން ދަނީ ޚިޔާލު ތަފާތުވުންތައް ފާޅުކުރަމުންނެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫޢަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަޝްރޫޢެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މި މަޝްރޫޢު ކުރިއަށްގެންދަނީ ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް، ބޭރުގެ އިންވެސްޓްމެންޓްގެ އެހީގައެވެ.