ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ހުށަހެޅި ބިލުގެ ބަހުސް މަޖިލީހުގައި ފަށައިފި
ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ހިމަނައި، މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ބަހުސް މިއަދު ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ.
Ads by BMLމި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ ކަމާގުޅޭ އުސޫލުތަކުގެ އިތުރުން، ޢާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ޙައްޤުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރަފުކުރުމެވެ.
ބިލުގައި ހިމެނޭ މައިގަނޑު ކަންތައްތައް:
• އަދަބު ކަނޑައެޅުމުގެ ޝަރުޠުތައް: މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ވާރިސުން އެއްބަސްވުމާއި، ޝަރީޢަތުގެ ހުރިހާ މަރުޙަލާއަކުން މައްސަލަ ބަލައި ނިމިފައިވުމާއި، ޢަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތް ހިންގުމުގެ އިތުރުން، ކުށްވެރިޔާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދީފައިވުން ލާޒިމުކޮށްފައިވެއެވެ.
• ތަންފީޒުކުރާނެ ގޮތާއި އިދާރާ: ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެންނެވެ. އަދި އަދަބު ޢަމަލީގޮތުން ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ރާވައި ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.
• ޚާއްޞަ ޕެނަލެއް އެކުލަވާލުން: މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލެއް އުފައްދަންޖެހެއެވެ. އަދި އެ ޕެނަލް އެކުލަވާލާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، އަދަބު ތަންފީޒުކުރާނެ ތާރީޚަކާއި ވަގުތެއް ކަނޑައަޅަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
• ޢާންމު ތަންތަނުގައި ތަންފީޒުކުރުން މަނާކުރުން: ޢާންމުންނަށް ފެންނާނެ ފަދަ ތަނެއްގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ބިލުގެ ދަށުން މަނާކަމެކެވެ.
މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒުކުރުމުގެ ޝަރުޠުތައް ފުރިހަމަވެގެން މެނުވީ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށާއި، އަދަބު ތަންފީޒުކުރުން ވަގުތީގޮތުން މަނާވާނެ ޙާލަތްތަކާއި، އަދަބު ފަސްކުރަންޖެހޭ ޙާލަތްތަކުގެ އިތުރުން ކުށްވެރިޔާއަށް މަޢާފު ދެވޭނެ ޙާލަތްތައް ވެސް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
Ads by MACL
