މަރުގެ އަދަބު ތަންފީޒުކުރަން އުޅޭތީ އިދިކޮޅުން ޖެހިލުންވެ، ބަހުސް އަނބުރާލަނީ މައުޟޫޢުން ބޭރަށް: ޝުޖާޢު
ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އިދިކޮޅު ފަރާތްތަކުން އެކަމާ ޖެހިލުންވެ، މަޖިލީހުގެ ބަހުސް މައުޟޫޢުން ބޭރަށް އަނބުރާލަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ބަހުސް ދާނީ މައުޟޫޢާ ދުރުން ކަން ކުރިންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ބިލުގެ މައިގަނޑު މަޤްޞަދަށް ބަހުސްކުރުމުގެ ބަދަލުގައި އިދިކޮޅު މެންބަރުން ގެންދަވަނީ މައުޟޫޢުން ބޭރުން ވާހަކަދައްކަވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމި ބިލަކީ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ އުސޫލުތަކުގެ އިތުރުން، ޢާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ޙައްޤުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހެޅި ބިލެކެވެ. މި ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެންނެވެ.
މަޖިލީހުގެ ތަޅުމުގައި މި ބިލުގެ ބަހުސް ހޫނުވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ މެންބަރުން ގެންދަވަނީ މުޖުތަމަޢުގައި ހިނގާ ބޮޑެތި ޖަރީމާތައް ހުއްޓުވައި، ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި މި ޤާނޫނީ އޮނިގަނޑު ވީހާވެސް އަވަހަކަށް ފާސްކޮށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
Ads by MACL
