ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބޭރުގެ އިންވެސްޓްމަންޓްތަކުން މިނިވަންކަން ނުގެއްލޭނެ، ހަގީގީ ތަރައްގީ ލިބޭނީ އެ ފުރުސަތު ދީގެން: ނަޝީދު

ބޭރުގެ އިންވެސްޓްމަންޓްތަކުން މިނިވަންކަން ނުގެއްލޭނެ، ހަގީގީ ތަރައްގީ ލިބޭނީ އެ ފުރުސަތު ދީގެން: ނަޝީދު

ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމަކީ ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަން އަންނާނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ގައުމަށް ހަގީގީ ތަރައްގީ ކަށަވަރު ކުރެވޭނީ އެފަދަ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދީގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓެއް ގައުމަކަށް އަންނައިރު އެއީ ހަމައެކަނި ގުދުރަތީ ވަސީލަތްތަކާއި ރޯ މެޓީރިއަލް ނަގައިގެން ބޭރުކުރާ ނިޒާމަކަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ތަކެތި ގައުމުގައި ޕްރޮސެސްކޮށް، އެތެރޭގެ އުފެއްދުންތެރިކަން އިތުރުވާނެ އިންތިޒާމެއް ހަމަޖެހެން ލާޒިމުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ އިގްތިސާދީ ކުރިއެރުން މިސާލަކަށް ނަންގަވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ދޮރު ހުޅުވާލުމުން އެ ގައުމުތަކުގެ އިސްތިގްލާލަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އިގްތިސާދީ ގޮތުން އެ ގައުމުތައް ވަރުގަދަވެ، އިސްތިގްލާލު ހިމާޔަތް ކުރުމުގެ ގާބިލުކަން އިތުރުވެ، ބައިނަލްއަގްވާމީ މައިދާނުގައި ވަރުގަދަ ޖާގައެއް ކަށަވަރުވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޮޑު ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުގެ ވިސްނުމާ ހިލާފަށް، ނަޝީދު ގެންދަވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ނަޝީދު ވަނީ މި މަޝްރޫއުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެންމެންނަކީ ވެސް ކޮންމެވެސް އެހެން ތަނަކުން އައިސް މި ބިމުގައި ވަޒަންވެރިވި މީހުން ކަމަށާއި، މިފަދަ ތަރައްގީގެ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ވަނީ ރޭގެ ވަގުތެއްގައި ބޮޑު އެއްވުމެއް ބާއްވާފައެވެ. މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ ނުވަތަ ޕީއެންއެފުން ކާމިޔާބު ކުރި ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުން ބަދަލު ނުދީ ބާތިލު ކުރާނެ ކަމަށެވެ. މީގެ އިތުރުން، މިކަމާ ދެކޮޅަށް ނުނިކުންނަ ޕީއެންސީގެ މެންބަރުންނާއި މަޖިލިސް މެންބަރުން އަދި ސަލާމަތީ ހިދުމަތްތަކުގެ މީހުންނަކީ ކުށުގެ ބައިވެރިން ކަމަށާއި، އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.