ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާތީ މީކާއީލް ތަޅުމުން ބޭރުކޮށްފި

މިއަދުގެ މަޖިލިސް: މީކާއިލު ބޭރުކުރުން --
މިއަދުގެ މަޖިލިސް: މީކާއިލު ބޭރުކުރުން --

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ގަވާއިދާ ޚިލާފުވެ، ތަޅުމުގެ ނިޒާމު ނަގާލުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެން އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަސްމާލެ މަޝްރޫއާ ގުޅޭ ރިއަލް އެސްޓޭޓް ބިލުގެ ބަހުސް ކުރިއަށްދިޔަ ވަގުތު، މީކާއިލް ވަނީ ސަރުކާރުގެ ވަޒީރުންނާއި ޕީއެންސީގެ މެންބަރުންގެ އަބުރު ކަތިލުމުގެ ގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހަށް ކަޅު ދަބަހެއް ގެންދެވި ކަމަށާއި، ޕީއެންސީ މެންބަރުންނަށް ކަޅު ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަން މަސައްކަތް ކުރައްވާފައެވެ.

މި ވާހަކަތަކާ ގުޅިގެން ޕީއެންސީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގެ ތަޅުމަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި މެންބަރުންނާއި ވަޒީރުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާ ތަނަކަށް ހެދުމަކީ މަޖިލީހުގެ ގަވާއިދުން މަނާކަމެއްކަން ފާހަގަކުރައްވާފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެން، ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކެވުމަށާއި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މީކާއިލްއަށް އަންގަވާފައެވެ.

ނަމަވެސް ރިޔާސަތުން ދެއްވި އިތުރު ފުރުސަތުގައިވެސް މީކާއިލް ވަނީ ރިޔާސަތުގެ އެންގެވުމަށް ގޮންޖައްސަވައި، ތަޅުމުގައި އަޑުގަދަކުރައްވައި އިހުތިޖާޖު ކުރައްވަން ފަށްޓަވާފައެވެ. އެހެންކަމުން، މަޖިލީހުގެ ގަދަރާއި ނިޒާމު ހިފެހެއްޓުމަށްޓަކައި މަޖިލީހުގެ ރައީސް ވަނީ ގަވާއިދުގެ ދަށުން މީކާއިލްގެ ނަން އިއްވަވައި، އޭނާ ތަޅުމުން ބޭރުކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީއާއި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މުހިންމު ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ. އިދިކޮޅު ފަރާތްތަކުން މި ބިލާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ވާހަކަދެއްކެވި ނަމަވެސް، ސަރުކާރުން ދަނީ މި ބިލުގެ ސަބަބުން ދިވެހި ބިމުގެ މިލްކުވެރިކަމަށް އެއްވެސް ނުރައްކަލެއް ނެތްކަމާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެކަން ސާފުކޮށްދެމުންނެވެ. އަދި ރޭ ބޭއްވި ބައްދަލުވުމަކީވެސް މި ބިލުތަކާ ގުޅޭ ފަންނީ މައުލޫމާތު މެންބަރުންނަށް ސާފުކޮށްދިނުމަށް ބޭއްވި ރަސްމީ ބައްދަލުވުމެކެވެ.