އިންޑޯ އެރީނާއަކީ އޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ކޮމްޕްލެކްސް
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ރާއްޖޭގެ ފުރަތަމަ އިންޑޯ ފުޓްސަލް އެރީނާގެ މަސައްކަތް ނިމުމުން، އެ ތަން ވެގެންދާނީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު ފުޓްސަލް ކޮމްޕްލެކްސްއަށް ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އިއްޔެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށި މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިޢު ވިދާޅުވީ، ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންޑޯ ވަސީލަތްތައް ހުރި ޒަމާނީ އެރީނާއެއް ނެތުން ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދިވެހި ފުޓްސަލް ކުޅުންތެރިންނާއި ސަޕޯޓަރުން ދެކެމުން އައި ދިގު ހުވަފެނެއް ހަގީގަތަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމިނިސްޓަރު އިތުރަށް ވިދާޅުވީ، ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓްސަލް ކޮމްޕްލެކްސްއެއް ނެތުމުގެ ސަބަބުން މިއަހަރު ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްވެސް ބާއްވަން ޖެހުނީ ތައިލެންޑްގެ ބެންކޮކްގައި ކަމަށެވެ. އެހެންކަމުން، ހުޅުމާލޭގައި މި ގާއިމުކުރެވޭ އެރީނާ ނިމުމުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފުޓްސަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެ، ދިވެހި އެތުލީޓުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލިއޯ ޓްރޭޑިންގ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު 18 މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވައެވެ.
ސްޕޯޓްސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އެރީނާގައި ފީފާގެ މިންގަނޑަށް ފެތޭ 5 ކޯޓު ހިމެނޭނެއެވެ. އޭގެ ތެރޭގައި މަލްޓި-ސްޕޯޓްސް މެޗު ކުޅޭ މައި ޕިޗަކާއި، ތަމްރީނުތަކަށް ޚާއްޞަ 4 ޕްރެކްޓިސް ޕިޗު ހިމެނެއެވެ. މީގެ އިތުރުން، 900 މީހުންގެ ޖާގައިގެ ސަޕޯޓަރުންގެ ސްޓޭންޑަކާއި، ވީއައިޕީ ލައުންޖާއި، ކޯޕަރޭޓް ބޮކްސްތަކުގެ އިތުރުން ޓިކެޓް ކައުންޓަރުތަކާއި ކެފޭ ފަދަ ޒަމާނީ ޚިދުމަތްތައްވެސް މި ކޮމްޕްލެކްސްގައި ގާއިމުކުރެވިގެންދާނެއެވެ.
Ads by MACL
