ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގެ ކުނޑިތަކުގެ ދަށުން އިތުރު 630 ޝަހީދުންގެ ހަށިގަނޑު ނަގައިފި؛ އަދިވެސް 8،000 ހަށިގަނޑު ވަޅުނުލެވި!

 އިސްރާއީލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ކުނޑިތަކުގެ ދަށުން ޝަހީދުންގެ ހަށިތައް ނެގުމުގެ މަސައްކަތް ފަލަސްޠީނުގެ މަދަނީ ދިފާޢުގެ ޓީމުތަކުން ކުރަނީ -- ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ކުނޑިތަކުގެ ދަށުން ޝަހީދުންގެ ހަށިތައް ނެގުމުގެ މަސައްކަތް ފަލަސްޠީނުގެ މަދަނީ ދިފާޢުގެ ޓީމުތަކުން ކުރަނީ -- ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ކުނޑިތަކުގެ ދަށުގައި ތާށިވެފައިވާ ޝަހީދުންގެ ހަށިތައް ނެގުމާއި ވަޅުލުމުގެ ބުރަ މަސައްކަތް ފަލަސްޠީނުގެ މަދަނީ ދިފާޢުގެ ޓީމުތަކުން ކުރަން ފަށައިފިއެވެ.

ފަލަސްޠީނުގެ މަދަނީ ދިފާޢުން ހާމަކޮށްފައިވާ ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ހަށިތައް ނެގުމަށް ބޭނުންވާ ޚާއްޞަ އާލާތްތަކާއި ބަރު މެޝިނަރީގެ ދަތިކަން އިންތިހާއަށް ބޮޑު ނަމަވެސް، ފާއިތުވި މަސްތަކުގެ ތެރޭގައި އެކަނިވެސް 630 އަށްވުރެ ގިނަ ޝަހީދުންގެ ހަށިގަނޑު ވަނީ ނަގާފައެވެ. އެހެންނަމަވެސް، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ނުނެގި 8،000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ވަޅުލެވިފައިވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މި މަސައްކަތްތަކާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިން ރަހުމުކުޑަ ހަމަލާއެއްގައި އާއިލާގެ 17 މެންބަރުން ޝަހީދުވި މަޙްމޫދު ނަބްޙާން ފަދަ އެތައް އާއިލާއަކަށް، ގިނަ ދުވަސްތަކެއްގެ ހިތްދަތި އިންތިޒާރަކަށްފަހު އެމީހުންގެ ލޯބިވާ މެންބަރުންގެ ހަށިތައް ފެނި، ކަށުކަމާކެމީގެ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ވަނީ ލިބިފައެވެ.

އިމާރާތްތަކުގެ ދަށުން ހަށިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރުވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތަކަށް ބެލުމެއްނެތި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އިތުރު ތިން މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައިވެސް އިސްރާއީލު ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ހިންގި ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހުއްޓުމެއްނެތް ހަމަލާތަކުގައި ފަލަސްޠީނުގެ 74،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ އެއްކޮށް ސުންނާފަތިވެ، ބިމާ ހަމަވެފައެވެ.