ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިދިކޮޅު ފަރާތްތަކަށް ފްރީ ހޯލްޑާއި ލީސް ހޯލްޑުގެ ތަފާތުވެސް ނޭނގޭ: މެންބަރު އިބްރާހީމް ޝުޖާޢު

 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި، ބިން މިލްކުކޮށްދިނުމާ ދެމެދު ހުރި ޤާނޫނީ ތަފާތު އިދިކޮޅު ފަރާތްތަކަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޝުޖާޢު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.

ޚާއްޞަގޮތެއްގައި، ބިން މިލްކުކޮށްދިނުން (ފްރީ ހޯލްޑް) އާއި ބިން ކުއްޔަށް ދިނުން (ލީސް ހޯލްޑް) އާ ދެމެދު އޮތް އަސާސީ ތަފާތުވެސް އިދިކޮޅު ފަރާތްތަކަށް ސާފުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ބޭރުގެ ފަރާތްތަކަށް ދިވެހި ބިން މިލްކުކޮށްދިނުން މަނާކޮށްފައި އޮތް ނަމަވެސް، ޤާނޫނަކުން ކަނޑައަޅާ ވަކި މުއްދަތަކަށް ބިން ކުއްޔަށް ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ނޫނެވެ.

"އިދިކޮޅު ފަރާތްތަކުން މިއަދު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކަވާ ވާހަކަތަކުން އެނގެނީ އެބޭފުޅުންނަށް ފްރީ ހޯލްޑާއި ލީސް ހޯލްޑުގެ ތަފާތުވެސް އެނގިވަޑައިނުގަންނަވާކަން. ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނެސް އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރާ ކޮންމެ މަސައްކަތަކަށް ހުރަސްއެޅުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަކަން ދައްކުވައިދޭ ކަމެއް،" ޝުޖާޢު ވިދާޅުވިއެވެ.

މެންބަރު ޝުޖާޢު އިތުރަށް ވިދާޅުވީ، ރަސްމާލެ ފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި ޒަމާނީ ރިއަލް އެސްޓޭޓް ޤާނޫނެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްތިޤްލާލަށާއި ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.