ސެޕްޓެންބަރު މަހު ރާއްޖޭގެ އިޤްތިޞާދު 4 އިންސައްތަ ކުރިއަރައި ތިން އަހަރުގެ ރެކޯޑެއް މުގުރާލައިފި!
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް މަޑުޖެހުމެއް އައި ނަމަވެސް، ރިއަލް އެސްޓޭޓާއި ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާގެ ހަލުވި ކުރިއެރުމާއެކު، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ދިވެހިރާއްޖޭގެ އިޤްތިޞާދު 4 އިންސައްތަ ކުރިއަރައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި "އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު" ރިޕޯޓުން ދައްކާ ގޮތުގައި، 2019 ވަނަ އަހަރުގެ ދާއިމީ އަގުތަކަށް ބަލާއިރު ސެޕްޓެންބަރު މަހު ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކުގެ ޖުމްލަ އަގު ވަނީ 551.9 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު 21.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސެޕްޓެންބަރު މަހެއްގައި ރެކޯޑުކުރެވުނު އެންމެ ވަރުގަދަ އިޤްތިޞާދީ ކުރިއެރުންވެސް މެއެވެ.
Ads by BMLއެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު މަހުގެ އިޤްތިޞާދީ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެ ދާއިރާއިން 0.9 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން ވަނީ 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކޮށްފައެވެ. މީގެ އިތުރުން ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ ދާއިރާއިން 0.6 ޕަސެންޓޭޖް ޕޮއިންޓް ވަނީ ހިއްސާކޮށްފައެވެ.
އަހަރުން އަހަރަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ 16.6 އިންސައްތަ ކުރިއަރައި 29.6 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މުދާ އެތެރެކުރި މިންވަރު އިތުރުވުމާއެކު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވަނީ 8.8 އިންސައްތަ އިތުރުވެ 52.9 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ދަތުރުފަތުރާއި މުވާޞަލާތީ ދާއިރާއިންވެސް ވަނީ 0.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، އެޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައިވެސް އިޤްތިޞާދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއެރުން ހޯދާފައެވެ. އެގޮތުން ޖެނުއަރީން ސެޕްޓެންބަރުގެ ނިޔަލަށް ޖުމްލަ އިޤްތިޞާދީ ހަރަކާތްތަކުގެ އަގު ވަނީ 5.26 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ނަމަވެސް، މޫސުމީ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ސެޕްޓެންބަރު މަހު ފަތުރުވެރިކަމުގެ ދާއިރާ ވަނީ އޮގަސްޓް މަހާ އަޅާބަލާއިރު 29.5 އިންސައްތަ ދަށަށް ގޮސްފައެވެ. މިއާއެކު އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެންބަރު މަހު ޖުމްލަ އިޤްތިޞާދީ ހަރަކާތްތައް ވަނީ 11.6 އިންސައްތަ (72.6 މިލިއަން ޑޮލަރު) ދަށްވެފައެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ހަމައަކަށް އެޅުމާއެކު ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުވެ، ކުރިއަރާނެ ކަމަށް އެމްބީއެސްއިން ލަފާކުރެއެވެ.
Ads by MACL
