ދެ މިލިޔަން ފީފާގެ ތެލާއެކު ހުރްމުޒް ކަނޑުއޮޅިއަށް ސުޕަރޓޭންކަރެއް ފެތިއްޖެ!
ހުރްމުޒް ކަނޑުއޮޅީގައި ކަނޑުއަޑީގެ މައިނެއްގައި ޖެހި އަލިފާން ރޯވުމަށްފަހު، ދެ މިލިޔަން ފީފާއަށްވުރެ ގިނަ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ސުޕަރޓޭންކަރެއް އަޑިއަށް ގޮސްފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އިން ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުއޮޅީގެ ދެކުނު ބައިން ހުއްދަނޫން މަގަކުން ދަތުރުކުރި ދެ ތެޔޮބޯޓެއް ކަނޑުއަޑީގެ މައިންތަކުގައި ޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް އުޅަނދު ގަލްފުގެ ދެކުނު ކަނޑުގެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، މި އުޅަނދުތަކުގެ ނަމެއް ނުވަތަ ނިސްބަތްވާ ޤައުމެއް އީރާނުން ހާމަކޮށްފައެއް ނުވާއިރު، އެއްވެސް މިނިވަން އިދާރާއަކުން އަދި މި ހާދިސާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.
Ads by BMLމިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފައިވަނީ، ގަލްފުގެ ސަރަހައްދުގައި ތެޔޮބޯޓަކަށް ހަމަލާއެއް ދިން ކަމަށް އިންޑިއާގެ ޝިޕިންގ އިދާރާތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ އީރާނުން ބުނާ ހާދިސާކަން ޔަޤީން ނުވާއިރު، އެ އުޅަނދަށް ލިބުނު ގެއްލުމާއި ތިމާވެށްޓަށް ކުރާނެ އަސަރު އަދި ސާފުނުވާ ކަމަށާއި، ނަމަވެސް ބޯޓުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ޔޫކޭއެމްޓީއޯއިން ހާމަކުރެއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ނުހަނު މުހިންމު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ވަނީ ހަނިކޮށްފައެވެ. އަދި އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫން ގޮތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ހަމަލާދެމުންނެވެ.
އީރާނުގެ މި ޢަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ ކަނޑުމަގުން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައެވެ. އަދި ކަނޑުއޮޅީގެ މައި ދަތުރުފަތުރުގެ މަގުތަކުގައި ހުރި މައިންތައް ސާފުކޮށް، މިއަހަރުގެ ހޫނު މޫސުމުން ފެށިގެން ގަލްފުގެ ޤައުމުތަކުން 1.5 ބިލިޔަން ފީފާގެ ތެޔޮ ބޭރުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ބުނެފައެވެ.
Ads by MACL
