ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވަޒީރު މުއްތަލިބުގެ ކަޅުދަބަހުގެ ހަގީގަތް: އެއީ ކުޅެ ނިންމާފަ ބޫޓު އެޅި ދަބަސް!

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް.
ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް.

ހައުސިންގ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ރޭގެ ލަސް ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ގެންދެވި ބޮޑު ކަޅު ދަބަހަކީ، އާރަށުގައި ކުޅެން ހުންނެވުމަށްފަހު ކުޅެން ބޭނުންކުރެއްވި ބޫޓު އަޅުއްވައިގެން ގެންނެވި ދަބަހެއް ކަމަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މިނިސްޓަރު މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހުގައި ޑޮލަރު ހުރިކަމަށް ދޭހަވާ މޭރުމުން އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވީ އާރަށުގައި ކުޅެން ހުންނެވުމަށްފަހު ސީދާ ޕީއެންސީގެ ބައްދަލުވުމަކަށް ކަމަށްވާތީ، ކުޅެން ގެންގުޅުއްވި ބޫޓާއެކު އެ ދަބަސް ގެންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މަޖިލީހުގެ ތަޅުމުގައި މިފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއްކެވުން ރިޔާސަތުން ހުއްޓުވަން ޖެހޭނެ ކަމަށް ވެސް މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ.

މުޙައްމަދު އިސްމާޢީލް މިފަދައިން ރައްދު ދެއްވާފައިވަނީ، ރޭގެ ވަގުތެއްގައި ކަޅު ދަބަހެއް ހިއްޕަވައިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ޕީއެންސީ މެންބަރުންނަށް ޑޮލަރު ބެއްސެވުމަށް ކަމަށް ތުހުމަތު ކުރައްވައި، އެމްޑީޕީގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ހޫނުވެ، އެ ވާހަކަތައް ތަކުރާރު ކުރެއްވުމާއެކު ނިޒާމަށް ހުރަސްއެޅުއްވި ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ މެންބަރު މީކާއިލްގެ ނަން އިއްވަވައި ތަޅުމުން ނެރުއްވާފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލެއްގެ ބަހުސް މަޖިލީހަށް ތާވަލުކޮށްފައި ވަނިކޮށް، ރޭގެ ލަސް ވަގުތެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ބަންޑާރަނައިބު އަޙްމަދު އުޝާމާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުރުން މިނިސްޓަރު މުއްތަލިބު ވަނީ މަޖިލީހަށް ވަޑައިގެން ޕީއެންސީގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމަށްފަހު ބޮޑު ކަޅު ދަބަހެއް ކޮނޑުގައި އަޅުއްވައިގެން މަޖިލީހުން ނުކުމެވަޑައިގެންނެވި ވަގުތު، އެ ދަބަހުގައި ހުރި އެއްޗަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް މިނިސްޓަރު މުއްތަލިބު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.