މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމަކަށް ވަޑައިގެންނެވި މައްސަލައިގައި މިނިސްޓަރު މުއްތަލިބު ވާހަކަދައްކަވައިފި
އިއްޔެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމަކަށް ވަޑައިގެންނެވި މައްސަލައާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވާހަކަދައްކަވައިފިއެވެ. މިނިސްޓަރު މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވަނީ މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަކަށް އެމަނިކުފާނު ވަޑައިގެންނެވި ކަމަށް ވިދާޅުވެ އެކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެ ބައްދަލުވުމަކީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާ އެކު މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބުގެ އިތުރުން ސަރުކާރާއި މަޖިލީހުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.
Ads by BMLސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އެ ބައްދަލުވުމަށް ވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވަމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، އެއީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ހަތަރު ބިލަކާ ގުޅޭގޮތުން މެންބަރުން ބޭނުންވި މަޢުލޫމާތުތައް ސާފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން މަޢުލޫމާތު ސާފުކޮށްދިނުމަށް މަޝްވަރާކުރެވުނު ހަތަރު ބިލުގެ ތެރޭގައި ރިއަލް އެސްޓޭޓް ބިލާއި، އަބުރު ރައްކާތެރިކުރުމުގެ ބިލާއި، މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ބިލުގެ އިތުރުން އިމިގްރޭޝަން ބިލު ހިމެނޭ ކަމަށް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ބިލުތަކަށް އިތުރު އިޞްލާޙެއް ހުށަހެޅުން ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަޤީންކަން ވެސް އޭޖީ ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވިއިރު މިނިސްޓަރު މުއްތަލިބު ކަޅުކުލައިގެ ދަބަހެއް ހިއްޕަވައިގެން ހުންނެވި މަންޒަރު ފެނުމާ ގުޅިގެން މީޑިއާތަކާއި މީސްމީޑިއާގައި އެކަމަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފައެވެ. ނަމަވެސް އެ ދަބަހާ ގުޅޭގޮތުން ފަހުން ވާހަކަދައްކަވަމުން މަޖިލިސް މެންބަރަކު ވަނީ، އެއީ މިނިސްޓަރު ކުޅިވަރު ކުޅުއްވަން ގެންގުޅުއްވާ ބޫޓު އަޅާފައިވާ ދަބަހެއް ކަމަށް ވިދާޅުވެ އެކަމުގެ ޙަޤީޤަތް ހާމަކުރައްވާފައެވެ.
Ads by MACL
