ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

"ފްލެޓް ނުލިބި މަގުމަތިވެ ލޮލުން ކަރުނަ އެޅިއިރު ތިޔަ ވިދާޅުވާ ރައްޔިތުންގެ ޙައްޤުތައް ކޮބައިތޯ؟" - އައިފާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ރިއަލްއެސްޓޭޓް ބިލަށް ބަހުސްކުރައްވަމުން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ރިއަލްއެސްޓޭޓް ބިލަށް ބަހުސްކުރައްވަމުން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެތައް ސަތޭކަ ރައްޔިތުންނެއްގެ އަތުން ޑައުންޕޭމަންޓް ފައިސާ ނެގުމަށްފަހު ފްލެޓް ނުލިބި މަގުމަތިވެ ރައްޔިތުން ލޮލުން ކަރުނަ އެޅިއިރު، އޭރު ވެރިކަމުގެ ބާރުތައް އަތުގައި އޮތް ސިޔާސީ ވާދަވެރިން ދައްކާ ރައްޔިތުންގެ ޙައްޤުތައް ކޮބައިތޯ ސުވާލުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ދިވެހިރާއްޖޭގައި ހިންގާ ރިއަލްއެސްޓޭޓް ވިޔަފާރިތައް ރެގިއުލޭޓްކުރުމުގެ ބިލަށް މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އައިފާން ވިދާޅުވީ، ޑިވެލޮޕަރުންގެ ނަމުގައި އައި މަކަރުވެރިން ރައްޔިތުންގެ އުމުރު ދުވަހުގެ ދަލާއި ލެއިން އެއްކުރި ފައިސާކޮޅު ފޭރިގަނެ ފިލައިގެން ދިޔައިރު، ވޭތުވެދިޔަ ސަރުކާރުތަކުން އިޚްތިޔާރުކުރީ ޒިންމާއިން ރެކިގަނެ މަހުޖަނުންގެ ދިފާއުގައި ތިބުމުގެ ސިޔާސަތެއް ކަމަށެވެ. އަދި މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވައި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޤާނޫނެއް ހަދައި ތަންފީޒުކުރުމުގެ ސިޔާސީ ހިތްވަރު ދެއްކީ މި ސަރުކާރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާވަމުން އަންނައިރު ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޑިވެލޮޕަރުންނަށް ލައިސެންސް ދޫކުރުމާއި މަޝްރޫޢުތައް ރަޖިސްޓްރީކުރުމުގެ އުސޫލުތައް ކަނޑައަޅައި ބޯހިޔާވަހިކަމުގެ ބާޒާރުގެ އިންސާފުވެރިކަން ކަށަވަރުކުރުން ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގައި، ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ރާއްޖޭގެ ބޭންކެއްގައި ގާއިމުކުރެވޭ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމަށާއި، ކޮންމެ މަޝްރޫޢަކަށް ޚާއްޞަ ވަކި އެކައުންޓެއް ހުޅުވުމަށް ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން، މި ޤާނޫނުގެ ދަށުން ކަނޑައެޅޭ ޒޯންތަކުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޙަރަކާތްތައް ހިންގުން މަނާކޮށްފައިވާއިރު، ވަކި ޤައުމެއްގެ ރައްޔިތުންނަށް މިލްކުކުރެވޭނީ ޕްރޮޕަޓީތަކުގެ 25 އިންސައްތައަށް ވުރެ އިތުރުނުވާ މިންވަރަކަށް ކަމަށާއި، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ޕްރޮޕަޓީ ގަތުން މަނާކުރާ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.