ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އަރިހަށް، ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ވަދާޢީ ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުގެ އަރިހަށް، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން، މެޑަމް ހުމައިރާ ލޯދީ، މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒަމާނުއްސުރެ ޕާކިސްތާނުން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދާދިފަހުން އެކަމަނާ ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުން އަދާކުރި ފުރިހަމަ މެހްމާންދާރީއަށް ޝުކުރު ދަންނަވަމުން، އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދިޔަކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެކަނބަލުން ވަނީ އަންހެނުންގެ ދައުރު ފުޅާކޮށް ބާރުވެރިކުރުވުމަށާއި، ރާއްޖެއާއި ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖްތިމާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ.
Ads by BMLމީގެއިތުރުން، މެޑަމް ހުމައިރާ ލޯދީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
Ads by MACL
