ޗައިނާގެ ފުރިހަމަ ޚަރަދުގައި މާސްޓާސްއަށް ކިޔެވުމުގެ 200 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް!
ޒުވާން ލީޑަރުން ބިނާކުރުމުގެ މަޤްޞަދުގައި، ޗައިނާ ސަރުކާރުގެ ފުރިހަމަ ޚަރަދުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 200 ސްކޮލާޝިޕް ފުރުޞަތު ދިވެހި ދަރިވަރުންނަށް މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ ފަރާތުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ މި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުގެ ދަށުން، ޗައިނާގެ ފާހަގަކޮށްލެވޭ 92 ޔުނިވަރސިޓީއެއްގައި ހިންގާ އެކި ދާއިރާތަކުގެ ކޯސްތަކުގައި ތަޢުލީމު ހާސިލުކުރުމުގެ މަގު ދިވެހި ދަރިވަރުންނަށް ތަނަވަސްވެގެންދާނެއެވެ.
Ads by BMLއެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސްކޮލާޝިޕް ޕްރޮގްރާމަށް ކުރިމަތިލެވޭނީ ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ، އުމުރުން 45 އަހަރު ނުފުރޭ ދިވެހި ރައްޔިތުންނަށެވެ. މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.
މީގެއިތުރުން، ދަރިވަރުން އިޚްތިޔާރުކުރާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ ކޯހެއްކަން ދުރާލާ ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރުމަށް ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ބޭނުންވާ ދާއިރާއަކުން ތަޢުލީމު ހާސިލުކުރާނަމަ، އެ ކޯހަކީ ރާއްޖޭގެ ކަމާބެހޭ ކައުންސިލްތަކާއި އިދާރާތަކުން ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކޯހެއްތޯ ދަރިވަރުން އަމިއްލައަށް ކަށަވަރުކުރުމުގެ މުހިންމުކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
