ސަރުކާރާއި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ސްޓެލްކޯއިން ސާބިތުކަމާއެކު މަސައްކަތްކުރާނެ: އެމްޑީ
ސަރުކާރާއި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒްވަރު މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުބާރު ހުރި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޑރ. އަޒްވަރު ޝުކުރު އަދާކުރެއްވިއެވެ.
Ads by BMLމީގެ ކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން އައީ ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން ކ، އއ، އދ އަދި ވ އަތޮޅުގައެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަން އުވާލުމަށް ސަރުކާރުން ނިންމެވުމުގެ ކުރިންވެސް ބ، ޅ އަދި މ އަތޮޅުގެ ރަށްތަކުގެ ޔޫޓިލިޓީ ޚިދުމަތްތައް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި އެންމެ ފަހުން ގެނައި ބަދަލުތަކާއެކު، ބާކީ ހުރި އަތޮޅުތަކުގެ ޖުމްލަ 127 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުވެފައެވެ.
މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދިނުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ އިންޖީނުގެތައް ބެލެހެއްޓުމަށް އެކަށީގެންވާ އިދާރީ ނިޒާމެއް ޤާއިމުކޮށް ތަންފީޒުކުރުން ހިމެނެއެވެ.
މި ބަދަލުތައް ގެނައުމުގެ މަސައްކަތުގެ ދަށުން، ކުރިން ފެނަކައިން ޚިދުމަތް ދެމުންދިޔަ ރަށްތައް ސްޓެލްކޯގެ ދަށަށް ގެނައުމުގެ ކަންކަން ވިލަރެސްކުރުމަށް ސްޓެލްކޯގެ ހަތަރު ޓީމެއް މިހާރު ވަނީ އަތޮޅުތަކަށް ފޮނުވާފައެވެ.
Ads by MACL
