ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވަހުމާއި ޝައްކު އުފައްދާ ބަޔަކު ތިއްބަސް، ޤައުމުގެ ބުއްދިވެރިން ތިބީ ރައީސް މުޢިއްޒާއެކު: ޢަބްދުއްރަޙީމް



ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރާ ހޮޓަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެންސީ
ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރާ ހޮޓަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެންސީ

ވަހުމާއި ޝައްކު އުފައްދާ ބަޔަކު ތިބި ނަމަވެސް، ޤައުމުގެ ހަރުދަނާ، ހޭލުންތެރި އަދި ވިސްނުންތެރި ބުއްދިވެރިން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކުގައިކަން އަދާލަތު ޕާޓީން ސަރުކާރާ ގުޅުމުން ސާބިތުވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީ ގުޅިގެން ސިޔާސީ ގޮތުން މަސައްކަތްކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރާ ހޮޓަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގެ މަތިވެރި މަޤްޞަދުގައި އުފެއްދި ސިޔާސީ ޕާޓީއަކުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ބައިވެރިވުމަށް ނިންމުމުން އެނގިގެންދަނީ، ދިވެހި ރައްޔިތުންގެ ހިތުގައި މި ސަރުކާރަށް އޮތް އިތުބާރާއި ޔަޤީންކަން ކަމަށެވެ.

މީގެ އިތުރުން، ޤައުމުގެ ބޮޑު ބައި ވިސްނުންތެރި ބުއްދިވެރިން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު އެ މަނިކުފާނުގެ ސިޔާސަތުތައް ޤަބޫލުކޮށް، އެ މަނިކުފާނަށް ތާއީދު ދެއްވަން ތައްޔާރަށްކަން އަދާލަތު ޕާޓީގެ މި ނިންމުމުން ވަރަށް ސާފުކޮށް ދައްކައިދޭ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.