މުރައިދޫ ޕޮލިސް ޕޯސްޓް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުޑަދޮރުތަކުގެ ޝަޓަރިންގ ހަރުކުރުމުގެ މަސައްކަތް ފަށައިފި
ހއ. މުރައިދޫގައި ޢިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ ކުޑަދޮރުތަކުގެ ޝަޓަރިންގ ހަރުކުރުމުގެ މަސައްކަތް ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދީފިއެވެ.
މި މަޝްރޫޢު ނިމި، ޚިދުމަތް ފެށުމުން މުރައިދޫގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ކަށަވަރުވެގެންދާނެއެވެ. އެގޮތުން ރަށުގައި ފުލުހުންގެ ދާއިމީ ޚިދުމަތް ޤާއިމުވުމުން ކުށްކުރުން މަދުވެ، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އެހެން ރަށަކުން ފުލުހުން އަންނަންދެން މަޑުކުރުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ރަށުގައި ހުށަހެޅޭ މައްސަލަތައް އަވަހަށް ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ހަމައެއާއެކު، ޒަމާނީ ފެންވަރުގެ ޕޮލިސް ޕޯސްޓެއް ޤާއިމުވުމުން ރަށުގެ ވިޔަފާރިތަކާއި ޢާންމު މުދަލަށް ލިބޭ ރައްކާތެރިކަން އިތުރުވެ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ލިބިގެންދާނެއެވެ. އަދި ރަށުގެ މުއައްސަސާތަކާ ގުޅިގެން ޒުވާނުންނާއި ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ފުލުހުންގެ މަސައްކަތު މާޙައުލު ރަނގަޅުވެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
Ads by BML
Ads by MACL
