ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވުޒާރާތަކުގައި ފަންނީ ކޮމިޓީތައް އުފައްދަން ނިންމަވައިފި

ވަޒީރުންގެ މަޖިލިސް --- ފޮޓޯ: ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވުޒާރާތަކުގެ ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒުކުރުމުގައި ފަންނީ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްޓަކައި، ކޮންމެ ވުޒާރާއަކަށް ޚާއްސަ ކޮމިޓީތަކެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި ނިންމެވުން ނިންމަވާފައިވަނީ މި ނޮވެމްބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ "ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމާއި، އެ ތަންތަން ހިންގުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެ އުސޫލަށް އަމަލުކުރައްވަން ފެށްޓެވުމަށް ނިންމަވާފަ އެވެ.

އެ އުސޫލުގެ މައިގަނޑު މަގުސަދަކީ، އެކި ފަންނުވެރި ދާއިރާތަކަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ އިލްމީ ލަފަޔާއެކު ސިޔާސަތުތައް ބައްޓަންކުރުމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ނިންމެވުމުގެ ދަށުން ކޮންމެ ވުޒާރާއަކާ ގުޅުންހުރި ފަންނީ ދާއިރާތަކުން ކޮމިޓީތައް އެކުލަވައިލާއިރު، އެ ކޮމިޓީތަކަށް އައްޔަންކުރައްވާނީ ކަމާގުޅޭ ދާއިރާތަކުން މަތީ ތައުލީމާއި އަމަލީ ތަޖުރިބާ ހާސިލުކޮށްފައިވާ ބޭފުޅުންނެވެ.

މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ވަކި މާލީ އުޖޫރައެއް ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.