އިމިގްރޭޝަން ޤާނޫނުގެ ނަމުގައި ދައުރުވަނީ ދޮގު ވާހަކަތަކެއް؛ އާ ބިލުގައި ރެސިޑެންޓް ވިސާއެއް ނެތް: އިޙުސާން
އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާޙެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމަނާފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙުސާން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަން ޤާނޫނުގެ އިސްލާޙެއްގެ ގޮތުގައި ބަޔާންކޮށް ދައުރުކުރަމުންދާ އިބާރާތްތަކަކީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރެއްގައި ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅެފައިވާ ކަންކަން ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަން ފަދަ ރައްޔިތުންނާ ގުޅުންހުރި ހައްސާސީ މަސައްކަތްތަކެއް ކުރާ އިދާރާއަކާ ގުޅޭގޮތުން މިފަދަ ބުހުތާނު ވާހަކަތައް ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
Ads by BMLސަރުކާރުގެ ފަރާތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު" ގެ ނަމުގައި 50 ޞަފްޙާގެ މުޅިން އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މި އާ ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަށް މީހުން އައުމާއި ފުރުމުގެ އާންމު އަދި ޚާއްސަ އުސޫލުތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓާއި އެހެނިހެން ޓްރެވެލް ޑޮކިއުމަންޓް ދޫކުރުމުގެ ކަންކަން މި ބިލުގެ ދަށުން ހަރުދަނާކުރެވޭނެއެވެ.
ހަމައެހެންމެ، ބިދޭސީންނަށް ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމާއި، ހުއްދަ ނެތި އަންނަ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ޤާނޫނާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގެ އުސޫލުތައްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
Ads by MACL
