އިހަވަންދިއްޕޮޅު އިޤްތިޞާދީ ހަބަކަށް ހެދުމުގެ ތާރީޚީ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ މައި އެއްބަސްވުމުގައި މިރޭ ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ ސާޙް ގްރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާޙް ގްރޫޕް) އާ ދެމެދުގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ސޮއިކުރެއްވިއިރު، ސާޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ. މި ރަސްމިއްޔާތުގައި ހއ. އަތޮޅުގެ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BML1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސާޙް ގްރޫޕުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވަނީ، ޒަމާނީ ފެންވަރުގެ ބަނދަރަކާއި އެއާ ގުޅުންހުރި އެންމެހައި ވަސީލަތްތައް ހިމެނޭ ފުރިހަމަ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދު އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މިއީ 2040 ވަނަ އަހަރުގެ ތަޞައްވުރުގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ ފުޅާ މަޤްޞަދުތައް ހާސިލުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
Ads by MACL
