ހޫތީންގެ ކުރިއެރުންތަކާއެކު ސައޫދީ ކޯލިޝަންގެ އިސް ކޮމާންޑަރު ބަދަލުކޮށްފި
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަވެ، ވަގުތީ ވެރިރަށް އަދަންގެ ދިފާއުގައި ކޯލިޝަން ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވުމާއެކު، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކުރައްވައިފި އެވެ.
ރަސްގެފާނު ސަލްމާން އިއްޔެ ނެރުއްވި ޝާހީ އަމުރުފުޅަކުން، ޖޮއިންޓް ފޯސަސް ކޯލިޝަން ހިންގުމުގެ ޒިންމާ އަލަށް ހަވާލުކުރައްވާފައި ވަނީ ސައޫދީ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ޖެނެރަލް ފައްޔާޒް ބިން ހާމިދު އަލް ރުވައިލީއާ އެވެ.
ޖެނެރަލް ރުވައިލީ މި މަގާމާ ހަވާލުވެވަޑައިގަންނަވާނީ، މިހާރު ވެސް އޭނާ އަދާކުރައްވަމުން ގެންދަވާ އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާގެ މަގާމާ އެކުގައި ކަމަށް ސައޫދީ ޕްރެސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
Ads by BMLމި ބަދަލުގައި މަގާމުން ވަކިކުރެއްވި ލެފްޓިނެންޓް ޖެނެރަލް ފަހުދު ބިން ހަމަދު އަލް ސަލްމާން ދެން އައްޔަންކުރައްވާފައި ވަނީ، ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާންގެ އަސްކަރީ ކަންކަމާ ބެހޭ މުޝީރުގެ މަގާމަށެވެ.
ފަހުދު އަލް ސަލްމާން ކޯލިޝަންގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
މި ބަދަލު ގެނެސްފައި މި ވަނީ، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ސްޓްރެޓެޖިކް ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ކައިރިން ސައޫދީން ވާގިވެރިވާ ޔަމަނުގެ ސަރުކާރު ސިފައިން ފަހަތަށް ޖެހުނުތާ އެއް ދުވަސް ފަހުންނެވެ.
ހޫތީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަކޮށް އަދަންއާ 60 ކިލޯމީޓަރަށް ކައިރިވުމާ ގުޅިގެން، ކޯލިޝަން ސިފައިން ވަނީ އެ ސިޓީގެ ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި ފަހަތަށް ޖެހިފަ އެވެ.
މިދިޔަ ޖުލައި މަހު ޔަމަނުގެ ހަނގުރާމަ އަލުން ހޫނުވުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ހޫތީން ވަނީ ބަނދަރުމަތީ މުހިންމު ރަށެއް ކަމަށްވާ މޮޚާ ވެސް ހިފައިފަ އެވެ.
މީގެ އިތުރުން ސައޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހޫތީން ދަނީ ބެލިސްޓިކް މިސައިލް ހަމަލާތައް ވެސް ފޮނުވަމުންނެވެ.
Ads by MACL
