ރޮނާލްޑޯ އާއި ތިއަރީ އޮންރީ އެކުގައި ސްކްރީނުން ފެންނަނީ؛ "ޑޭ ވަންސް" ގެ ޝޫޓިންގް ފަށައިފި!
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ ކުރީގެ ފުޓްބޯޅަ ތަރި ތިއަރީ އޮންރީ އެކުގައި ސްކްރީނުން ފެނިގެންދާ ޓީވީ ޑްރާމާ ސީރީޒް "ޑޭ ވަންސް" ގެ ޝޫޓިންގް އިނގިރޭސިވިލާތުގެ ލަންޑަންގައި ރަސްމީކޮށް ފަށައިފިއެވެ.
އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ރޮނާލްޑޯ މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށެވެ. މިއީ ރޮނާލްޑޯ އާއި މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މެތިއު ވޯން ގުޅިގެން 2025 ވަނަ އަހަރު އުފެއްދި "ޔޫއާރު-މާވް ސްޓޫޑިއޯސް" އިން ގެނެސްދޭ ފުރަތަމަ ޓީވީ ސީރީޒެވެ. މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ރޮނާލްޑޯ އާއި ތިއަރީ އޮންރީ މަސައްކަތް ކުރާއިރު، މި ދެ ތަރިންވެސް އަމިއްލަ ސިފައިގައި މި ޑްރާމާގެ މަންޒަރުތަކުން ފެނިގެންދާނެއެވެ.
އިނގިރޭސި ފުޓްބޯޅައިގެ ދަނޑުން ބޭރުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކާއި، ކުޅުންތެރިންގެ އެޖެންޓުންގެ މެދުގައި އޮންނަ ބާރުގެ ކޯޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީޒްގެ މައިގަނޑު ވާހަކަ އެނބުރެނީ ނުފޫޒުގަދަ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ސްޓޭންލީ ޑޯލްޓަންގެ ވަށައިގެންނެވެ. މި ސީރީޒްގެ ލީޑް ރޯލު ކަމަށްވާ ސްޓޭންލީ ޑޯލްޓަންގެ ބައި ކުޅެނީ އެމީ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު އެކްޓަރު ޑޭމިއަން ލުއިސްއެވެ. މީގެ އިތުރުން އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ ޑޭވް މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ޚާއްޞަ ފެނިލުމަކުން ފެންނާނެއެވެ.
Ads by BML"ކިންގްސްމަން" ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މެތިއު ވޯން މި ސީރީޒްގެ ޕައިލެޓް އެޕިސޯޑު ޑައިރެކްޓްކުރާއިރު، ޝޯރަނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ޑޭން މޭޒާއެވެ. އަދި މި ސީރީޒް އުފެއްދުމުގެ ޚިޔާލު ގެނެސްދީ، ޕްރޮޑިއުސް ކުރުމުގައި ޙަޤީޤީ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ޑެރެން ޑެއިން ވެސް ބައިވެރިވެއެވެ.
އުތުރު ލަންޑަންގެ ބާނެޓް އެފްސީގެ ދަނޑުގައި ތިއަރީ އޮންރީ މި ޑްރާމާގެ މަންޒަރުތަކެއް ކުޅެމުންދަނިކޮށް މީގެ ކުރިން ވަނީ ފެނިފައެވެ. ޕެރަމައުންޓް ޕްލަސް މެދުވެރިކޮށް ސްޓްރީމް ކުރާ ގޮތަށް ހަމަޖެހިފައިވާ މި ސީރީޒް ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ.
Ads by MACL
