ވަރިވުމަށްފަހުވެސް ސަރުކާރުގެ ފްލެޓްތަކުން ހަމަހަމަ ހައްގު ލިބޭގޮތަށް ގާނޫނު އިސްލާހުކުރަނީ
ކައިވެނީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް، ދައުލަތުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދެމަފިރިންނަށް ލިބިފައިވާ ފްލެޓް ނުވަތަ ގޯތީގެ ހައްގު ގެއްލިގެން ނުދާނެ ގޮތް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހަކީ، ސަރުކާރުގެ ސޯޝަލް ހައުސިންގް ސްކީމްތަކަށް ކުރިމަތިލާއިރު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ޕޮއިންޓްތަކެއް ލިބިގެން ފްލެޓް ހަމަޖެހުނު ނަމަވެސް، ރަޖިސްޓްރީ ކުރެވެނީ ދެމަފިރިންގެ ތެރެއިން އެކެއްގެ ނަމުގައި ކަމަށްވާތީ ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުއްވި ބިލެކެވެ.
Ads by BMLމިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ފްލެޓް ރަޖިސްޓްރީވެފައިވާ ފަރާތް ނޫން އަނެއް ބައިވެރިޔާއަށް ވަރިވުމަށްފަހު އެ ބޯހިޔާވަހިކަމުގެ ހައްގު ގެއްލި މަގުމަތިވާ ހާލަތްތައް ކުރިމަތިވާކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ވަރިވުމަށްފަހު ދަރިން ބެލުމާ ހަވާލުވާ ފަރާތަށް ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފުތަކަށް އިންސާފުވެރި ހައްލެއް ގެނެސްދިނުމަކީ މި އިސްލާހުގެ މައިގަނޑު އަމާޒެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ދެމަފިރިންގެ މުދާ ބެހުމާ ގުޅޭ އާންމު އުސޫލުތައް ހިމެނުނު ނަމަވެސް، ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަމާ މެދު އަމަލުކުރާނެ ސާފު ގާނޫނީ އޮނިގަނޑެއް ނެތުމުން ޝަރުއީ ކޯޓުތަކަށް މައްސަލަތައް ނިންމުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނަށް 38-1 ވަނަ މާއްދާގެ ގޮތުގައި އައު މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، އޭގައިވާ ގޮތުން ކައިވެނީގެ ތެރޭގައި ދައުލަތުގެ ހައުސިންގް އުސޫލުން ލިބޭ ތަނެއް އެކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތަސް، ވަރިވުމަށްފަހު ދެފަރާތަށްވެސް އެތަނުގެ މައްޗަށް ހަމަހަމަ ހައްގު ލިބިގެންވާނެއެވެ.
ދެމަފިރިން ވަކިވުމަށްފަހު ބޯހިޔާވަހިކަމާ މެދު ދެފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި، ދަރިން ބަލަހައްޓާ ފަރާތަށް އެތަނުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އަމުރު ނެރުމުގެ ބާރުވެސް މި އިސްލާހުގެ ދަށުން ކޯޓުތަކަށް ލިބިދެއެވެ.
މީގެއިތުރުން، ފްލެޓް ރަޖިސްޓްރީވެފައިވާ ފަރާތުން އަނެއް ބައިވެރިޔާގެ ހައްގަށް އުނިކަން އަންނަ ގޮތަށް އެތަން ދޫކޮށްލުމާއި، ވިއްކާލުން ނުވަތަ އެހެން މީހެއްގެ ނަމަށް ބަދަލުކުރުން ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް ގާނޫނުން ހިމާޔަތް ދިނުމަށް ވަނީ ހިމަނާފައެވެ.
ބޯހިޔާވަހިކަމުގެ ހައްގު ހިމާޔަތްކުރުމާއެކު، އެތަނާ ގުޅިގެން ދައްކަންޖެހޭ ލޯނުތަކާއި މާލީ ޒިންމާތައް އަދާކުރުމުގައި ދެމަފިރިންގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލައި، ދަރަނި ދެއްކުމުގެ ޒިންމާ ދެފަރާތަށް ބަހައިލުމުގެ އިޚްތިޔާރު ކޯޓަށް ލިބޭނެ އުސޫލެއްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
Ads by MACL
