ލ. މާވަށު ސްކޫލުގެ 9 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ލ. މާވަށު ސްކޫލުގެ 9 ކްލާސްރޫމް ނިންމުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މިހާރު އެ މަޝްރޫޢުގެ ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓު އެޅުމަށް ތައްގަނޑު ޖެހުމާއި ދަގަނޑު ބަނުމުގެ މަސައްކަތްތަކެވެ. ހަމައެއާއެކު، ފުރަތަމަ ފަންގިފިލާގެ ބީމްތަކުގެ ތައްގަނޑު ޖެހުމުގެ މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން، ލ. މާވަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ. މިހާރު ސްކޫލުގައި ކްލާސްރޫމްތައް މަދުވުމުގެ ސަބަބުން ދަރިވަރުންނަށް އުނގެނުމުގައާއި މުދައްރިސުންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ނިމުމަކަށް އައިސް، ސްކޫލުގެ ހިންގުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
Ads by BMLމީގެ އިތުރުން، އަލަށް އިމާރާތްކުރެވޭ މި 9 ކްލާސްރޫމާއެކު، ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ މި ކްލާސްރޫމްތަކުގެ ސަބަބުން ދަރިވަރުންނަށް އުފާވެރި، ހިތްފަސޭހަ މާޙައުލެއްގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިވެ، ރަށުގެ ތަޢުލީމީ ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.
Ads by MACL
