މަސްތުވާތަކެއްޗަށް ނޫނެކޭ ބުނާ ރާއްޖޭގެ ފުރަތަމަ ރަށަށް ފޮއްދޫ ހެދުމަށް ވަޒީރު އިޙްސާން ގޮވާލައްވައިފި!
މަސްތުވާތަކެތީގެ ވަބާއިން ސައްތައިންސައްތަ ސަލާމަތްވެފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ ރަށަށް ނ. ފޮއްދޫ ހެދުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް އެ ރަށުގެ ކައުންސިލަށާއި ރައްޔިތުންނަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.
ނ. ފޮއްދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްތަކަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްވެފައިވާ ރަށްތަކަކަށް ހެދުމަށް ފުލުހުން މިއަހަރު ޚާއްޞަ އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފޮއްދޫ ވެގެންދާނީ އެ މަސައްކަތް ކުރުމަށް ރާވާ އެއް ރަށަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މުޖުތަމަޢެއްގެ ތެރެއިން ވަކި ބާވަތެއްގެ ކުށެއް އެއްކޮށް ނައްތާލެވޭނީ މުޅި މުޖުތަމަޢު އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކޮށްގެންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، މީގެ ކުރިންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވުމާއި ޞިއްޙީ އެކި ބަލިތައް ނައްތާލުމުގައި ރާއްޖޭގެ ރަށްތަކުން ކާމިޔާބީ ހޯދާފައިވާ ފަދައިން، ފޮއްދޫގެ ރައްޔިތުން އެ ވިސްނުމުގައި މަސައްކަތްކޮށްފިނަމަ ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
Ads by BMLފޮއްދޫ ފުލުހުންގެ މަރުކަޒުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 16 މަސް ދުވަހުގެ ތެރޭގައި އެ މަރުކަޒު ނިންމައި ހުޅުވުނީ ރަށުގެ ވެރިންނާއި ރައްޔިތުން ދެއްވި އަހައްމިއްޔަތުކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. މިއީ 26 ގަޑިއިރުގެ ތެރޭގައި ހުޅުވުނު ތިންވަނަ މަރުކަޒުކަމަށާއި، ސަރުކާރުގެ މި މަޝްރޫޢުގެ ދަށުން ހުޅުވުނު 10 ވަނަ ފުލުހުންގެ މަރުކަޒުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ މަރުކަޒު ހުރީ އެންމެ 17 ރަށުގައި ކަމަށާއި، 60 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވެސް ނެތްކަން ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަމަށާއި، ދާއިމީ މަރުކަޒުތައް އެޅުމުގެ މަޝްރޫޢުތަކަށް ސަރުކާރުން 1.1 ބިލިއަން ރުފިޔާ ޚާއްޞަކޮށްގެން ކުރިއަށްގެންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުތަކުގެ ދައުރަކީ ހަމައެކަނި ކުށްވެރިން ހައްޔަރުކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ކާރިސާތަކުގައި އެހީތެރިވުމާއި، ކުށުގެ ވެށި ނެތް އަމާން މުޖުތަމަޢެއްގެ ގޮތުގައި ރަށް ދެމެހެއްޓުމުގައި ފުލުހުން މުހިންމު ދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
