މާލޭގައި ތަރައްޤީކުރާ ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ބާރަށް ކުރިއަށް، ވަޢުދާ އެއްގޮތަށް ނިންމައިދޭނަން: ރައީސް
މާލޭގެ ސާފިންގ ކޮމިއުނިޓީއަށް ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ބައިނަލްއަޤްވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، އެ މަޝްރޫޢު ނިންމައި ސާފިންގ އާއިލާއާ ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
Ads by BMLރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މާލޭގައި ކުޅިވަރުގެ މިފަދަ ޒަމާނީ ވަސީލަތެއް ޤާއިމުކުރުމަކީ ސާފިންގ ކޮމިއުނިޓީއަށް ނުހަނު ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް އެ މަސައްކަތް ފުރިހަމައަށް ނިންމަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެހެނިހެން ކުޅިވަރު ކޮމިއުނިޓީތަކަށް ބޭނުންވާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައްވެސް މިހާރު ވަނީ ފުރިހަމައަށް މަގަށް އެޅި، ތާވަލާ އެއްގޮތަށް ކުރިއަށްދާން ފަށާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރާ މި ސާފިންގ ސްޓޭޑިއަމަކީ، ރާއްޖޭގެ ސާފިންގ އަދި ބޮޑީބޯޑިންގ އެސޯސިއޭޝަންތަކުގެ ޚިޔާލާއި މަޝްވަރާއާއެކު، މޫސުމީ އަދި ލޮނުގެ އަސަރަށް ކެތްކުރެވޭ ގޮތަށް ކޮންކްރީޓް ސްޓްރަކްޗަރަކަށް ބަދަލުކޮށް، އިތުރަށް ފުޅާކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސްޓޭޑިއަމް ނިމުމުން ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ޒަމާނީ ހުރިހާ ވަސީލަތްތަކެއް އެތަނުން ލިބިގެންދާނެއެވެ.
Ads by MACL
