ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފުލުހުންގެ ވަޒީފާއަށް ވަނުމަށް ދިން މުއްދަތު އިތުރުކޮށްފި، އަވަހަށް ވަދޭ!

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލް މަޤާމަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ހުޅުވާލާފައިވާއިރު، މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލް މަޤާމަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއް ހުޅުވާލާފައިވާއިރު، މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލް މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން، އެ މަޤާމަށް ވަޒީފާގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢުކޮށްފައިވާ މި އިޢުލާނަކީ، މި މަހުގެ 2 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ކުރި އިޢުލާނާ ގުޅިގެން އިތުރު ފުރުޞަތު ދިނުމުގެ ގޮތުން ކޮށްފައިވާ އިޢުލާނެކެވެ. އެހެންކަމުން، ކުރީގެ އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ކޮންސްޓަބަލް މަޤާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 15,500 ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 8,990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6,510 ރުފިޔާގެ މަޤާމުގެ އެލަވަންސެކެވެ. މީގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން ކެއުމާއި ބޭސްފަރުވާގެ އިނާޔަތްތައްވެސް ލިބިގެންދާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. އަދި އިސްކޮޅުގައި ފިރިހެނަކު ނަމަ މަދުވެގެން 5 ފޫޓު 5 އިންޗި، އަދި އަންހެނަކު ނަމަ މަދުވެގެން 5 ފޫޓު 2 އިންޗި ހުންނަންޖެހެއެވެ. ތަޢުލީމީ ފެންވަރަށް ބަލާއިރު، އެސް.އެސް.ސީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން "ސީ" ފާސް ހާސިލުކޮށްފައިވާންޖެހެއެވެ. ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު ފުލުހުންގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ޚާއްޞަ ފަންނީ ހުނަރެއް ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ބެކްގްރައުންޑް އެސެސްމެންޓް، ފިޒިކަލް ފިޓްނަސް ޓެސްޓް، ފެތުމުގެ ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް، އިންޓަރވިއު އަދި މެޑިކަލް އެގްޒަމިނޭޝަން ކުރިއަށް ގެންދެވޭނެއެވެ. އަދި މި ޓެސްޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށާއި، އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި މަސައްކަތްކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 16:00 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ފޯމު ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް، އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ރިސެޕްޝަނަށެވެ.

މީގެ އިތުރުން، ސުންގަޑި ހަމަވާއިރު ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަ ނުކުރެވޭ ފަރާތްތަކަށް، ވަޒީފާއަށް މީހުން ހޮވުމަށް ކުރިއަށްގެންދާ ޓެސްޓްތަކާއި އެސެސްމެންޓްތަކުގެ މުއްދަތުގައި އެ ފޯމު ހުށަހެޅުމުގެ ލުއި ފަސޭހަ ފުރުޞަތު ފުލުހުންގެ ޚިދުމަތުން ވަނީ ހަމަޖައްސައިދީފައެވެ.