ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

މި މަހުގެ 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ / ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް.
މި މަހުގެ 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ / ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް.

މި މަހުގެ 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީއާއެކު ބައިވެރިވެއްޖެއެވެ.

މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެކި ދާއިރާތަކާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ސީދާ ބައްދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތުވެސް މި އެކްސްޕޯގެ ތެރެއިން ޒުވާނުންނަށް ލިބިގެންދާނެއެވެ.

ވަރަ އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ޒުވާނުންނާ ހިއްސާކުރާނެއެވެ. މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޭންކުން ދޭ ޚާއްޞަ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

ތަޢުލީމާއި ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ދާއިރާއިން ޒުވާނުން ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކުގެ ދަށުން، މިދިޔަ 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގެ މެއިން ސްޕޮންސަރެއްގެ ގޮތުގައިވެސް އެ ބޭންކުން ވަނީ ބައިވެރިވެފައެވެ.