ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރިކަރަންޓު ޚަރަދަށް ދަރަނި ނެގުމަކީ ނުރައްކަލެއް؛ ދަރަނި ނަގަންޖެހޭނީ ތަރައްޤީގެ މަޝްރޫޢުތަކަށް: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ---
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ---

ދައުލަތުގެ ރިކަރަންޓު ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ ޤައުމަށް ބޮޑު ގެއްލުމެއް ލިބިދާނެ ނުރައްކާތެރި ކަމެއް ކަމަށާއި، ދަރަނި ނަގަންޖެހޭނީ ރައްޔިތުންނަށް ލޮލަށް ފެންނަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން ސަލީމު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ފެނިގެން ގޮސްފައިވަނީ ދައުލަތަށް ލިބޭ އާމްދަނީން ރިކަރަންޓު ޚަރަދުތައް ދެކޮޅުނުޖެހި، އެފަދަ ޚަރަދުތައް ފޫބެއްދުމަށް ދަރަންޏަށް ފައިސާ ނެގި މަންޒަރު ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ ދައުރުގައި ދައުލަތުގެ އާމްދަނީގެ ތެރެއިން ރިކަރަންޓު ޚަރަދުތައް ދެކޮޅުޖެހިގެން ދިއުމަކީ ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރަނި ނަގައިގެން ޚަރަދުކުރަންޖެހޭނީ ރައްޔިތުންނަށް އިޙްސާސްކުރެވޭ ފަދަ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުމަށް ކަމަށާއި، އެ ނޫން ކަންކަމަށް ދަރަނި ނެގުމުން ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ސަލީމު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ސަބްސިޑީއާއި އެހީތައް ދިނުމަށް ހޭދަކުރާ ކަމަށެވެ. ސަބްސިޑީއާއި ހިލޭ އެހީއަކީ ރައްޔިތުންނަށް ލުއިކޮށްދިނުމަށް ދޭ އެއްޗަކަށްވާއިރު، އެކަމަށް ހިނގާ ޚަރަދުގެ ތަފްޞީލު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތްތަކުގެ އަގު އުފުލެމުންދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ، ސަރުކާރުން ދޭ ސަބްސިޑީއާއި އެހެނިހެން އެހީތައް އެންމެ ހައްޤުވާ ފަރާތްތަކަށް ވާޞިލުވޭތޯ ބަލައި، އެ އެހީތަކުގެ މަޤްޞަދު އެކަށީގެންވާ ގޮތެއްގައި ހާސިލުވާކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވީ، އެއީ ދައުލަތުގެ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ކަމަށާއި، އެ ފައިސާ ހެޔޮގޮތުގައި ޚަރަދުކުރެވި އަންނަ އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮރަޕްޝަން ނައްތަވައިލެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ، ބަޖެޓުގައި އެކި ކަންކަމަށް ކަނޑައަޅާފައިވާ ފައިސާ ޚަރަދުކުރެވެމުންދަނީ އުޞޫލުތަކާ އެއްގޮތަށްތޯ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ގާތުން ބަލަންޖެހޭ ކަމަށެވެ.