ރައީސް މުޢިއްޒު ރާއްޖެއަށް ގެންނެވީ މާވަހަރެއް ފަދަ އަގުހުރި ބޮޑެތި އިންވެސްޓްމަންޓްތަކެއް: ޖާބިރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނެވީ 500 ޓަނުގެ ބޮޑު މާވަހަރެއް ފަދަ އަގުހުރި އިންވެސްޓްމަންޓްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވަމުން ޖާބިރު ވިދާޅުވީ، އިޚްލާޞްތެރި ވެރިޔަކު ޤައުމުގެ ހުންގާނުގައި ހުންނަ ނަމަ، ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށާއި ތަރައްޤީއަށް އެއްވެސް ހުރަހެއް ނޯންނާނެކަން ފާއިތުވި ތިން އަހަރުން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ޖާބިރު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޔޫ.އޭ.އީގެ ސާހް ގްރޫޕް ފަދަ ބޮޑެތި އިންވެސްޓަރުން ރާއްޖެ ގެންނެވީ ރައީސް މުޢިއްޒުގެ މޭސްތިރިކަމުގައި ކަމަށެވެ. އަދި ރަސްމާލެ މަޝްރޫޢަކީ 20 ވަރަކަށް ޓައުންޝިޕް ވަރުގެ ބިޔަ މަޝްރޫޢެއްކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ ސަބަބުން އެތައް ހާސް ވަޒީފާ އުފެދި، ޒުވާނުންނާއި ރިއަލް އެސްޓޭޓް ވިޔަފާރިވެރިންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLމީގެ އިތުރުން، މި ސަރުކާރުން ފެށި އައިލާ ޓައުންޝިޕް ޕްރޮޖެކްޓުން ރަނގަޅު އާމްދަނީއެއް ޤައުމަށް ވަންނަމުންދާ ކަމަށާއި، ބިލިއަނުން ލޯނުތައް ދެއްކުމާއެކު ވެސް ޤައުމުގެ ތަރައްޤީގެ މިސްރާބު ހުރީ ހަލުވި ދުވެއްޔެއްގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ބޭންކުތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ހެޔޮވެ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
Ads by MACL
