ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސަރުކާރަށް ތިން އަހަރު: 1.29 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިޔާދަކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނުނަގައި 1.29 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށް، ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ވަނީ އިޔާދަކޮށްދީފަ/ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނުނަގައި 1.29 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށް، ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ވަނީ އިޔާދަކޮށްދީފަ/ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނުނަގައި 1.29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކޮށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އަލުން ހޯދައިދީފިއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަރުކާރުން އަދާކުރި 1.29 ބިލިއަން ޑޮލަރުގެ ދަރަންޏަކީ، ނިމިދިޔަ ރައީސް ޞާލިޙްގެ ސަރުކާރުގެ ފަސް އަހަރު ދެއްކި 953 މިލިއަން ޑޮލަރާއި، ރައީސް ޔާމީންގެ ސަރުކާރުގައި ދެއްކި 418 މިލިއަން ޑޮލަރާ އަޅާބަލާއިރު ރެކޯޑު އަދަދެކެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ނަމަވެސް، ޢުމްރާނީ ތަރައްޤީގެ ބަދަލުގައި ބަޖެޓު ފޫބެއްދުމަށް ކުރީގެ ސަރުކާރުތަކުން ނަގާފައިހުރި ބޮޑެތި ދަރަނިތައް މި ސަރުކާރުން ވަނީ ތާވަލާ އެއްގޮތަށް ދައްކައި ޚަލާޞްކޮށްފައެވެ.

އެގޮތުން، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެއްފަހަރާ ދެއްކި އެންމެ ބޮޑު ދަރަންޏަކީ 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން 350 މިލިއަން ޑޮލަރާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން، އިންޓްރެސްޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ވަނީ ދައްކާފައެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ބަޖެޓުގެ ތާށިކަން ފޫބެއްދުމަށް އެމެރިކާގެ ކާގިލް ފައިނޭންސްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނަށް، އިންޓްރެސްޓް ހިމަނައިގެން ޖުމްލަ 126 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހު ވަނީ ދައްކައި ނިންމާފައެވެ. އަދި އިންޑިއާގެ އެސް.ބީ.އައިއަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ބޮންޑު ތިން ބަޔަކަށް ބަހާލައިގެން ދައްކައި ޚަލާޞްކޮށްފައިވާއިރު، 2024 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެއްސެވި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްވެސް ސަރުކާރުން ވަނީ އަނބުރާ ދައްކާފައެވެ.

ސަރުކާރުން ދަރަނި އަދާކުރުމުގައި ހޯދި މި ކާމިޔާބީއާއެކު، ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ވަނީ ހެޔޮވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ދަށްވަމުން ދިޔަ ފިޗް އަދި މޫޑީސްގެ ކްރެޑިޓް ރޭޓިން މިހާރު ވަނީ މަތިކޮށްފައެވެ. މިއާއެކު، ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ، އިންވެސްޓްމަންޓްތަކަށް ފަހި މާޙައުލެއް އޮތް ޤައުމަކަށް ބަދަލުވެ، އޭގެ ހެޔޮ ނަތީޖާ ތަރައްޤީގެ އެކި މަޝްރޫޢުތަކުން ފެންނަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.