އާމްދަނީން ޓެކްސް ނަގާ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި މި ބިލު ފާސްކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ 66 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި ބިލު ގާނޫނަކަށް ވެގެންދިއުމާއެކު، ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރުމުގައި އިންޓްރެސްޓް އުނިކުރެވޭނެ އުސޫލުތަކާއި މިންގަނޑުތައް މުރާޖައާކުރެވި، މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ހުރި ބައެއް މާއްދާތައް އުނިވެގެންދާނެއެވެ.
Ads by BMLއަލަށް ފާސްކުރި އިސްލާހުގައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ "ޓެކްސް-އެބިޓްޑާ" ގެ 25 އިންސައްތައެވެ.
މި ގާނޫނަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހެވެ.
މި އިސްލާހު ތަންފީޒުކުރަން ފެށުމުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 496،300،302 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
Ads by MACL
