މިއަހަރު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިން 4 ލައްކައިން މައްޗަށް!
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،888،354 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،947،991 ފަތުރުވެރިންނާ އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، 403،888 ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 1،369،388 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 41،301 ފަތުރުވެރިން ހޮޓާތަކުގައި އަދި 36،411 ފަތުރުވެރިން ވަނީ ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.
Ads by BMLގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ރާއްޖޭގެ ގެސްޓްހައުސް ސިނާޢަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ 20 އަތޮޅެއްގައި ޖުމްލަ 111 ގެސްޓްހައުސްއެއް މިހާރު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އަދި މި ތަންތަނުން ފަތުރުވެރިންނަށް 16،866 އެނދުގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ޖުމްލަ 68،128 އެނދުގެ 25 އިންސައްތައެވެ.
Ads by MACL
