ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު: ޤައުމުގެ ހުރިހާ ދާއިރާއަކަށް އިންޤިލާބީ ތަރައްޤީ


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ އިޤްތިޞާދާއި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަންޒަރެއް / ފޮޓޯ: އެމް.އޭ.ސީ.އެލް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ އިޤްތިޞާދާއި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަންޒަރެއް / ފޮޓޯ: އެމް.އޭ.ސީ.އެލް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ތިން އަހަރުގެ ތެރޭގައި، މާލެއާއި އަތޮޅުތެރޭގެ ރަށްތަކަށް ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވައި، ޤައުމުގެ ހުރިހާ ދާއިރާއަކަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވައިފިއެވެ.

2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ޙަވާލުވެވަޑައިގެން، ޤައުމަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިނިވަންކަމާއި ސިޔާދަތު އަދި ޚާރިޖީ ސިޔާސަތު

ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފައްޓަވައި، އެ ވަޢުދު ފުއްދަވައިދެއްވިއެވެ. އަދި ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ފައްޓަވައި، ދިވެހި ސިފައިންނަށް ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވައި، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ވަނީ ޤާއިމުކޮށްދެއްވާފައެވެ. "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން އަވަށްޓެރި ޤައުމުތަކާއި، ޢަރަބި އިސްލާމީ ޤައުމުތަކުގެ އިތުރުން ވިލާތުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާފައިވާއިރު، އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރެއްވުމަށް ނިންމެވި ނިންމެވުމަށް ބައިނަލްއަޤްވާމީ ތަޢުރީފު ވަނީ ލިބިފައެވެ.

އިޤްތިޞާދު

ފައިސާ ޗާޕުކުރުން ހުއްޓާލައި، ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސެވުމާއެކު، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ. އަދި 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ޖޫން މަހު ފިޗް ރޭޓިންގއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'CC' އިން 'CCC-' އަށް މަތިކޮށްފައެވެ.

ދީނާއި ޤައުމިއްޔަތު

އިސްލާމީ އަޤީދާ ވަރުގަދަކުރުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި، ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް" ވަނީ އުފައްދަވާފައެވެ. އަދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއެއް އުފައްދަވައި، ސްކޫލްތަކުގައި "ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ.

ތަޢުލީމާއި ޞިއްޙީ ދާއިރާ

ދިރާސީ އައު އަހަރު ޖަނަވަރީ މަހަށް ބަދަލުކުރައްވައި، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ "ކޫލް ސްކޫލް" މަޝްރޫޢު ވަނީ ފައްޓަވާފައެވެ. ސްޓޫޑެންޓް ލޯނުތަކުން އިދާރީ ފީ އުވާލައި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކޮށްދެއްވާފައިވާއިރު، ޞިއްޙީ ދާއިރާއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް ޤާއިމުކޮށް، ޔޫ.އޭ.އީ އަދި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެ ވަނީ ވެފައެވެ.

މަސްވެރިކަމާއި ފަތުރުވެރިކަން އަދި ކުޅިވަރު

މަސްވެރިންނަށް ނުދެވި ހުރި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރައްވައި، މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލައި، މަސްވެރިކަމާ ބެހޭ ކޮލެޖެއް ވަނީ އުފައްދަވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައި، ސަރުކާރުގެ ކުންފުންޏަކުން 10 ރިސޯޓު ތަރައްޤީކޮށް އޭގެ ފައިދާ ކޮންމެ އަހަރަކު ރައްޔިތުންގެ ބޭންކު އެކައުންޓުތަކަށް ޖަމާކޮށްދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން 100 އަށްވުރެ ގިނަ މަޝްރޫޢު ނިންމައި، އިތުރު 800 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.