ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޝާހިދު ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު ހުކުމާ ހަމައަށް

ޝާހިދު ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު ހުކުމާ ހަމައަށް

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައި، ހުކުމް އިއްވުމަށް ތައްޔާރުވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.

ދަށު ކޯޓުގެ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދިއުމަށްފަހު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އަޑުއެހުންތައް ނިންމަވާލައްވާފައެވެ.

އެ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނާނީ ހައި ކޯޓުން ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.

ހައްޔަރުކުރުމުގެ ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި، އެއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާއެކު ހިނގުމަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.