މިނިވަން މުއައްސަސާތަކަށް ބޭނުންވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން މާލީ ވަޒީރު ދެއްވައިފި
ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ އެއް ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން، މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކަށް ބުރޫނާރާނެހެން ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ދެއްވައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުއްލި ހާލަތްތަކުގައި ހޭދަކުރުމަށް ކަނޑައަޅާފައިވާ އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.
Ads by BMLމިނިވަން މުއައްސަސާތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެކަމެއް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ހައްލުކޮށްދެއްވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އެއްވެސް މުއައްސަސާއެއްގެ މަސައްކަތް ނުހުއްޓޭނެ ގޮތަށާއި، އިތުރަށް ފައިސާ ބޭނުންވެއްޖެ ހާލަތެއްގައިވެސް ބަޖެޓުގެ ތެރެއިން އެ ކަންކަން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ހުރިހާ މުއައްސަސާތަކަށް ދެއްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ މުއައްސަސާތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރު މަދުކަމަށް ވިދާޅުވެ، އެ ތަންތަނުގެ ވެރިން ވަނީ ބަޖެޓު ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެހެންނަމަވެސް، މުޅި ބަޖެޓު އެކުލަވާލާފައިވަނީ ކުއްލި ގޮތަކަށް މުއައްސަސާއަކަށް ދިމާވެދާނެ މާލީ ދަތިކަމެއްގައި ބޭނުންވާ އެހީތެރިކަން ބަޖެޓުގެ ތެރެއިން ފޯރުކޮށްދީ، އެއިން އެއްވެސް މުއައްސަސާއެއްގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ފަދަ ގޮތަކަށް ބައްޓަންކޮށްގެން ކަމަށް ވަޒީރު ޒަރީރު ވިދާޅުވިއެވެ.
Ads by MACL
