ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މަސްތުވާތަކެތިން ސަލާމަތްވެފައިވާ ނަމޫނާ ރަށަކަށް ފޮއްދޫ ހެދުމަށް އިޙްސާން އެދިވަޑައިގެންފި

މަސްތުވާތަކެތިން ސަލާމަތްވެފައިވާ ނަމޫނާ ރަށަކަށް ފޮއްދޫ ހެދުމަށް އިޙްސާން އެދިވަޑައިގެންފި

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ބާވަތުގެ އަމަލުތަކުން ސަތޭކަ އިންސައްތަ ސަލާމަތްވެފައިވާ ނަމޫނާ ރަށަކަށް ނ. ފޮއްދޫ ހެދުމަށްޓަކައި، އެ ރަށުގެ ކައުންސިލާއި ރައްޔިތުން ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

ފޮއްދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްތަކަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްވެފައިވާ ތަންތަނަށް ހެދުމަށް ފުލުހުން މިއަހަރު ޚާއްޞަ އަމާޒެއް ހިފައިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގުމަށް ރާވާ ރަށްތަކުގެ ތެރޭގައި ފޮއްދޫ ހިމެނިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މުޖުތަމައެއްގެ ތެރޭގައި ޒަމާނުއްސުރެ އަށަގެންފައިވާ މަސްތުވާތަކެތި ފަދަ ބޮޑު ވަބާއެއް ނައްތާލެވޭނީ ރައްޔިތުން އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ކުރިންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ރަށްތައް އުފެއްދުމާއި، އާބާދީ ކޮންޓްރޯލްކުރުމުގެ އިތުރުން އެކި ބަލިތަކުން ރައްކާތެރިވުމުގައި ދިވެހި ރަށްތަކުން ނަމޫނާ ދައްކާފައިވާކަން ހަނދުމަފުޅުކޮށްދެއްވަމުން، ފޮއްދޫ ރައްޔިތުން އެ އަޒުމުގައި ނުކުމެއްޖެނަމަ ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ ހޭދައިގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މާކެޓް އަގުން ބަލާނަމަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އަރާނެ މި މަޝްރޫއުގެ ޚަރަދު ކުޑަކުރެވިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފުލުހުންގެ އިންޖިނިއަރުން ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި، މިވަގުތު ހިނގަމުންދާ މަރުކަޒުތައް އެޅުމުގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތެއް ހުރީ އެންމެ 17 ރަށުގައި ކަމަށާއި، 60 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ އެއްވެސް ޚިދުމަތެއް ގާއިމުވެފައި ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ތިބެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، ދާއިމީ މަރުކަޒުތައް ހުޅުވުމުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.