ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހުޅުމާލޭގައި ތަރައްޤީކުރާ މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ތަރައްޤީކުރާ މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ޖުޑީޝަރީ
ހުޅުމާލޭގައި ތަރައްޤީކުރާ މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ޖުޑީޝަރީ

ހުޅުމާލޭގައި ތަރައްޤީކުރާ، ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ކަމަށްވާ "މާލެ ކޯޓު ކޮމްޕްލެކްސް" ގެ ބިންގާ މިއަދު އަޅައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ޝަރުޢީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 29،490 އަކަފޫޓުގެ ބިމެއްގައި 14 ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިމާރާތުގެ ތެރޭގައި ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީސް ގާއިމުކުރެވޭނެއެވެ.

ޖުމްލަ 699.86 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު، ދެ އަހަރު ނުވަތަ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ކޯޓުތަކަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީޢަތްތައް ހިންގުމުގައާއި މައްސަލަތައް ނިންމުމުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ކޮމްޕްލެކްސް ނިމުމުން ރައްޔިތުންނަށް ޝަރުޢީ ދާއިރާއިން ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.