ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރަށްރަށަށް ބޭސް ފޮނުވަން ސްޓޭޓް ފާމާއާ ޒަމާނީ ދެ ޑްރޯން ހަވާލުކޮށްފި

ރަށްރަށަށް ބޭސް ފޮނުވަން ސްޓޭޓް ފާމާއާ ޒަމާނީ ދެ ޑްރޯން ހަވާލުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަށްރަށަށް ކުއްލި ހާލަތްތަކުގައި ބޭނުންވާ ބޭހާއި އިންޖެކްޝަން ފަދަ މުހިންމު ސިއްޙީ ވަސީލަތްތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތުން ގެނައި ޒަމާނީ ދެ ޑްރޯން ސްޓޭޓް ފާމާ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމުގެ ސަބަބުން މިހާރު ރަށްރަށަށް ކުއްލި ބޭސް ފޮނުވުމަށް ކުރަންޖެހޭ ބޮޑު ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

ބެޓެރީ ބޭނުންކޮށްގެން ދުއްވާ މި ދެ ޑްރޯނަކީ ވަރަށް ބޮޑަށް އޮޓޮމޭޓްކޮށްފައިވާ ޒަމާނީ އުޅަނދުތަކެއް ކަމަށާއި، ޖިއޯލޮކޭޝަން ޕްރޮގްރާމްކޮށްގެން ކަނޑައެޅޭ ވަކި ސަރަޙައްދަކަށް ވަރަށް ސީދާކޮށް ތިރިކުރުމުގެ ޤާބިލުކަން މި ޑްރޯންތަކަށް ލިބިފައިވާ ކަމަށް ޑރ. ޝާހް ފާހަގަކުރެއްވިއެވެ.

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޚާއްޞަ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު އަމަލީ ގޮތުން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ހިމެނޭހެން ކަމާގުޅުންހުރި އިދާރާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވާފައިވާ ކަމަށް ސްޓޭޓް ފާމާއިން މަޢުލޫމާތު ދެއެވެ.