ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މިއައީ ރިސޯޓަކާއި ކުޑަ ޓާމިނަލެއް ހަދާފައި ފައިސާ ހިފައިގެންދާކަށް ނޫން: ޝާހް ގްރޫޕް

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިޤްތިޞާދީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: އިޤްތިޞާދީ ވުޒާރާ
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިޤްތިޞާދީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: އިޤްތިޞާދީ ވުޒާރާ

ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ ބިޔަ އިޤްތިޞާދީ މަޝްރޫޢު ކަމަށްވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ ދަށުން، އެ ކުންފުނިން ރާއްޖެ އައީ ހަމައެކަނި ރިސޯޓަކާއި ކުޑަ ޓާމިނަލެއް ތަރައްޤީކުރުމަށްފަހު ފައިސާ ހިފައިގެން އެނބުރި ދިއުމުގެ ނިޔަތުގައި ނޫން ކަމަށް އެކުވެރި ޢަރަބި އިމާރާތުގެ (ޔޫއޭއީ) ޝާހް ގްރޫޕް (ސާހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސަސް) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝާހް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލް މުޠައްވަޢު ވިދާޅުވީ، އެ ކުންފުނީގެ ތަޞައްވުރަކީ ދިވެހިރާއްޖެއާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމާއި ތަރައްޤީ ޙިއްޞާކުރުން ކަމަށެވެ. އަދި މި މަޝްރޫޢަކީ އަންނަން އޮތް ދިވެހި ޖީލުތަކުން ވެސް ފަޚުރުވެރިވާނެ ފަދަ ފުރިހަމަ އަދި ދެމެހެއްޓެނިވި މަޝްރޫޢަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިޔަ މަޝްރޫޢުގެ ތަފްޞީލުތަކަށް އަލިއަޅުއްވާލައްވަމުން އަލް މުޠައްވަޢު ވިދާޅުވީ، މީގެ ތެރޭގައި ތެޔޮ ރައްކާކުރާ ބިޔަ ޓޭންކުތަކާއި ޒަމާނީ ސިނާޢީ ސަރަޙައްދެއް ޤާއިމުކުރުން ހިމެނޭ ކަމަށެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި ބާޒާރުތަކާ ދިވެހިރާއްޖެ އޮތީ ނުހަނު ގާތުގައިކަން ފާހަގަކުރައްވަމުން، މި މަޝްރޫޢުގެ ސަބަބުން ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓުތަކާ ރާއްޖެ ގުޅާލެވި، އުތުރުގެ އަތޮޅުތަކުގެ މުސްތަޤްބަލު އުޖާލާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވި، އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫއޭއީ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާޖޭ ޑެފެއާޒް ހިބާ އަލްޖުނައިބީ ވިދާޅުވީ، މި ބަދަހި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި އިޤްތިޞާދީ އެއްބާރުލުމުގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ޝާހް ގްރޫޕާ ދެމެދު ވެވުނު މި ތިން ފަރާތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ސޮއިކުރެއްވިއިރު، ޝާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލް މުޠައްވަޢުއެވެ. އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، ރާއްޖޭގެ އުތުރުގެ ސަރަޙައްދަކީ ދުނިޔޭގެ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ލޮޖިސްޓިކްސް މަރުކަޒަކަށް ހެދުމުގެ ޒަމާންވީ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު ނުހަނު މުހިންމު ފިޔަވަޅެކެވެ.