ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އަޅުގަނޑުގެ ސަރުކާރެއްގަ އިޒްރާއީލްއާއި ބާއްވާނެ އެއްވެސް ގުޅުމެއް ނޯންނާނެ!: ރައީސް

އަޅުގަނޑުގެ ސަރުކާރެއްގަ އިޒްރާއީލްއާއި ބާއްވާނެ އެއްވެސް ގުޅުމެއް ނޯންނާނެ!: ރައީސް

އެމަނިކުފާނުގެ ސަރުކާރެއްގައި އިޒްރާއީލާއެކު ބާއްވާނެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކުރައްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "ހަފްތާ 156" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިޒްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް އެއްވެސް ހާލަތެއްގައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. މީގެ ކުރިން އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިޞްލާޙުގައި އިޒްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާލަންދެން އެ ޤައުމުގެ ޕާސްޕޯޓު މަނާކުރާ ގޮތަށް އޮތް ނަމަވެސް، ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އައު އިމިގްރޭޝަން ބިލުގައި ވަނީ އެއްވެސް ޝަރުޠެއް ނެތި، ދާއިމީ ގޮތެއްގައި އިޒްރާއީލު ޕާސްޕޯޓު މަނާކުރާ ގޮތަށް ހިމަނާފައެވެ.

މީގެ އިތުރުން، ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން އިޒްރާއީލުގެ އެއްވެސް ރައްޔިތަކަށް، އިންވެސްޓަރަކަށް ނުވަތަ ކުންފުންޏަކަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެހެން ޤައުމެއްގެ ޕާސްޕޯޓެއްގައި ނުވަތަ ޑުއަލް ސިޓިޒަންޝިޕްގައި އައި ނަމަވެސް، ކޭވައިސީ (KYC) މެދުވެރިކޮށް އެއީ އިޒްރާއީލަށް ނިސްބަތްވާ ފަރާތެއްތޯ ބަލައި ޗެކްކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުންދާނެކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އިޒްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.