ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލްގެ އަނބިކަނބަލުން ވެސް ހައްޔަރުކޮށްފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލް ޖަލުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ކަމަށްވާ ކިމް ކެއޮން-ހީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ހައްޔަރުކުރުމަށް އެގައުމުގެ ޝަރުޢީ ކޯޓަކުން އަމުރު ނެރުމާއެކު ހައްޔަރުކޮށްފިއެވެ.
މި އަމުރާއެކު، ކިމް ވެވަޑައިގެންފައިވަނީ ދެކުނު ކޮރެއާގެ ތާރީޚުގައި ހައްޔަރުކުރެވުނު ކުރީގެ ރައީސެއްގެ ފުރަތަމަ އަނބިކަނބަލުންނަށެވެ. އަދި މިއީ ކުރީގެ ރައީސްއަކާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއްފަހަރާ ޖަލުގައި ބަންދުކުރެވޭ ފުރަތަމަ ފަހަރެވެ.
އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކަށްފަހު، ހެކި ނައްތާލުމުގެ ނުވަތަ ތަހުގީގަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުމުން ކިމް ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދައުލަތުން ދައުވާކުރާ ފަރާތުން ބުނީ، ކިމްގެ މައްޗަށް ޖުމްލަ 16 ތުހުމަތެއް ކުރެވޭ ކަމަށެވެ.
Ads by BMLކިމްގެ މައްޗަށް ކުރެވިފައިވާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ހިއްސާގެ މުއާމަލާތްތަކުގައި ހީލަތް ހެދުމާއި، ރިޝްވަތު ހިއްޕެވުމާއި، އަދި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ޤާނޫނާ ޚިލާފު އަމަލުތައް ހިންގުން ހިމެނެއެވެ. އެގޮތުން، 2009 އާއި 2012 އާ ދެމެދު ބީއެމްޑަބްލިއު ކާރު ވިއްކާ ކުންފުންޏެއް ކަމަށްވާ ޑޮއިޝް މޯޓާސްގެ ހިއްސާގެ އަގަށް އޮޅުވާލައިގެން 800 މިލިއަން ވޮން (428,000 ޕައުންޑް) ހޯއްދަވާފައިވާ ކަމަށް ތުހުމަތުކުރެވިފައި ވެއެވެ.
މީގެ އިތުރުން، އަގުބޮޑު ހަދިޔާ ބަލައިގަތުމުގެ ތުހުމަތުތައްވެސް އެކަމަނާގެ މައްޗަށް ދަނީ ކުރެވެމުންނެވެ. މި ތުހުމަތުތަކުގެ ތެރޭގައި 2022 ވަނަ އަހަރު ނޭޓޯގެ އެންމެ އިސްވެރިންގެ ބައްދަލުވުމަކަށް ވަޑައިގެންނެވި އިރު 60 މިލިއަން ވޮން (43,000 އެމެރިކާ ޑޮލަރު) އަށްވުރެ އަގުބޮޑު "ވެން ކްލީފް" ބްރޭންޑުގެ ހާރެއް އަޅުއްވައިގެން ހުންނެވި ކަމުގެ ތުހުމަތު ހިމެނެއެވެ. އަދި ދީނީ ޖަމާއަތެއްގެ އަތުން 20 މިލިއަން ވޮން (14,500 އެމެރިކާ ޑޮލަރު) ގެ "ޝެނަލް" ބްރޭންޑުގެ ދެ ދަބަހާއި އަގުބޮޑު އަލިމަސް ހާރެއް ރިޝްވަތުގެ ގޮތުގައި ބަލައިގެންފައިވާ ކަމަށް ވެސް ތުހުމަތުކުރެވެއެވެ.
ކިމްގެ ވަކީލުން ވަނީ އެކަމަނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެކަމަނާއަށް ލިބުނު ކަމަށް ބުނާ ހަދިޔާތަކާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކިމް ހައްޔަރުކޮށްފައިވާއިރު، އެކަމަނާގެ ފިރިކަލުން، ކުރީގެ ރައީސް ޔޫން ސުކް-ޔޯލް، މިހާރުވެސް ހުންނެވީ ޖަލުގައެވެ. އޭނާ ޖަލަށްލާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާޝަލް ލޯ ހިންގަން އުޅުމުގެ ތުހުމަތުގައެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ ހުކުމްވެސް އައުން އެކަށީގެންވެއެވެ. ޔޫން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ދެކޮޅު ހައްދަވާފައެވެ.
Ads by MACL
