ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މިދިޔަ 10 އަހަރުތެރޭގައި ދަރަނި ދެއްކި މިންވަރަށްވުރެ އެތައްގުނައެއް އިތުރަށް ދަރަނި ދައްކައިފިން: ރައީސް

މިދިޔަ 10 އަހަރުތެރޭގައި ދަރަނި ދެއްކި މިންވަރަށްވުރެ އެތައްގުނައެއް އިތުރަށް ދަރަނި ދައްކައިފިން: ރައީސް

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ދަރަނި ދެއްކި މިންވަރަށްވުރެ 483 މިލިއަން އެމެރިކާ ޑޮލަރު އިތުރަށް، މި ސަރުކާރުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ދަރަނި އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަރަންސީ ސްވޮޕާއެކު މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، މީގެ ތެރޭގައި މިއަހަރު ދައްކަންޖެހުނު ސުކޫކު ފައިސާ ދެއްކުމަށް ޚާއްޞަ އިސްކަމެއް ދެއްވި ކަމަށެވެ.

ހަގީގީ މިނިވަނުންނަކީ އިގްތިޞާދީ ގޮތުން މިނިވަންވެފައިވާ ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު ސަރުކާރާ ޙަވާލުވިއިރު ޖީޑީޕީގެ ނިސްބަތުން 10.5 އިންސައްތައިގައި ހުރި ބަޖެޓު ޑެފިސިޓް މިހާރު އެއް އަކުރަށް ތިރިކުރެވިފައިވާ ކަމަށެވެ.

ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓު ކަމަށްވާ 2025 ވަނަ އަހަރުގެ ބަޖެޓާއެކު ތަންފީޒުކުރި ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ސަބަބުން ބަޖެޓު ޑެފިސިޓް 3.6 އިންސައްތައަށް ކުޑަކުރެވުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގު އުފުލުމުގެ އިތުރުން ފަތުރުވެރިކަމަށް ކުރިމަތިވި ލޮޅުންތަކާއެކުވެސް، މިއަހަރު ނިމޭއިރު ޑެފިސިޓް 6.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ޑެފިސިޓް 5 އިންސައްތައަށްވުރެ ދަށްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ އިތުރުން، ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ނުދައްކައި ހުރި ބިލުތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާ މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

މީގެއިތުރުން، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ބިލުތަކަށް ޖުމްލަ 25.13 ބިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.