ދިވެހި އިޤްތިޞާދަށް ތާރީޚީ އިންޤިލާބެއް؛ ޕޭޕަލްއާއި 'ސްވައިޕް' ވުޖޫދުވެ، ބީއެމްއެލްގެ ޑޮލަރު ޕޭމަންޓް ގޭޓްވޭ ދިވެހި ވިޔަފާރިތަކަށް!
ދިވެހިރާއްޖޭގެ މާލީ ދާއިރާއަށާއި ޑިޖިޓަލް އިޤްތިޞާދަށް ތާރީޚީ ބޮޑު ބަދަލެއް ގެނުވާނެ ތިން މުހިންމު ޚިދުމަތެއް ކަމަށްވާ ދުނިޔޭގެ މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމާއި، އަމިއްލަ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ވުޖޫދުވުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ޕޭމަންޓް ގޭޓްވޭ ދިވެހި ވިޔަފާރިތަކަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ތާރީޚީ ނިންމެވުންތައް އިޢުލާންކުރެއްވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވަމުންދާ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޒުވާނުންނާއި، ފްރީލާންސަރުންނާއި، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ހުރަސް މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. މިގޮތުން:
Ads by BML• ޕޭޕަލް ރާއްޖެއަށް ތަޢާރަފުވުން: ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮންލައިންކޮށް ފައިސާ ލިބިގަތުމާއި ފޮނުވުމުގެ ދޮރު ދިވެހިންނަށް މިހާރު ވަނީ ހުޅުވިފައެވެ.
• 'ސްވައިޕް' ވުޖޫދުވުން: ޒަމާނީ ޑިޖިޓަލް ޕޭމަންޓް ނިޒާމެއް ކަމަށްވާ 'ސްވައިޕް' ވުޖޫދުވުމާއެކު، ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ފަސޭހަތަކަކާއި އައު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
• ބީއެމްއެލް ޑޮލަރު ޕޭމަންޓް ގޭޓްވޭ: ދިވެހި ވިޔަފާރިތަކަށް ބޭރު ފައިސާއިން އޮންލައިން ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބީއެމްއެލްގެ ޑޮލަރު ޕޭމަންޓް ގޭޓްވޭ ވަނީ ދިވެހި ވިޔަފާރިތަކަށް ޚާއްޞަކޮށް ހުޅުވާލާފައެވެ.
މި ބަދަލުތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒްވެ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކައިގެން ޤައުމަށް ބޭރު ފައިސާ ވަންނަ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ޔަޤީންކުރެއެވެ.
Ads by MACL
