އިދިކޮޅު ތިބޭނީ ޚިޔާލީ ދުނިޔޭގައި، ސަރުކާރުން ވާހަކަ ދައްކާނީ ނަތީޖާއިން: ރައީސް
އިދިކޮޅު ފަރާތްތައް ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި، މި ސަރުކާރުން ރައްޔިތުންނާއެކު ޙަޤީޤީ ދުނިޔޭގައި ކުރިއަށްދާނީ ހުސް ވާހަކައިގެ ބަދަލުގައި ޢަމަލީ ނަތީޖާ ދައްކައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް މަޝްރޫޢަކީ ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމަށް ކުރިމަތިވެފައި އޮތް ނަމަވެސް ކުރީގެ އެއްވެސް ސަރުކާރަކަށް އަޅައިނުލެވި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު މަތީ ތަޢުލީމަށް ނުގޮސް އަދި ވަޒީފާއެއް ނެތި ތިބި ޒުވާނުންގެ ޢަދަދު އިތުރުވަމުންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLމި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދެއްވައި ޤައުމަށް ވަފާދާރު ހީވާގި ޒުވާން ޖީލެއް ބިނާކުރެއްވުމަށްޓަކައި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހިންގާ "ނޭޝަނަލް ސާވިސް" ޕްރޮގްރާމުތަކާ އެއްގޮތަށް ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސް އިޢުލާނުކުރެއްވީ 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އިސްލާމްދީނާއި ޒިންމާދާރު ރައްޔިތުކަމާއި، ލީޑަރޝިޕް ހުނަރުތަކާއި، ޤައުމިއްޔަތުގެ އިތުރުން ހެވިކަމުގެ އަސާސީ ތަމްރީނާއި ބަސްތަކާއި ހަށިހެޔޮކަން ކަށަވަރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ފެށީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމުގެ އިނިޝަލް ތަމްރީނުތައް މިހާތަނަށް ތިން ބެޗެއްގެ ދަރިވަރުން ފުރިހަމަކޮށްފައިވާއިރު، ފުރަތަމަ ބެޗުން 283 ފިރިހެން ކުދިންނާއި 61 އަންހެން ކުދިންނާއެކު ޖުމްލަ 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. އަދި ދެވަނަ ބެޗުން 280 ފިރިހެން ދަރިވަރުންނާއި 63 އަންހެން ދަރިވަރުން ހިމެނޭހެން 343 ދަރިވަރުން ދަސްވެނިވިއިރު، ތިންވަނަ ބެޗުން 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން 341 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
އިނިޝަލް ތަމްރީނުތަކަށްފަހު ކުރިއަށްގެންދާ ފަންނީ ތަމްރީނުތައް ދެ ބެޗެއްގެ ދަރިވަރުން ފުރިހަމަކޮށްފައިވާއިރު، ފުރަތަމަ ބެޗުގައި 48 ފިރިހެން ދަރިވަރުންނާއި 15 އަންހެން ދަރިވަރުން އަދި ދެވަނަ ބެޗުގައި 60 ފިރިހެން ދަރިވަރުންނާއި 13 އަންހެން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
މުޅި ޖުމްލަ 950 ފިރިހެން ދަރިވަރުންނާއި 214 އަންހެން ދަރިވަރުން ހިމެނޭހެން 1،164 ޒުވާނުން ވަތަނީ ޚިދުމަތުގެ ތަމްރީނުތައް މިހާތަނަށް ފުރިހަމަކޮށްފައިވާއިރު، 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނާއެކު އަސާސީ ތަމްރީނުގެ ހަތަރުވަނަ ބެޗުގެ ކިޔެވުންވެސް މިހާރު ވަނީ ފަށާފައެވެ.
Ads by MACL
