އޭލެވެލްއަށް ގުޅޭ ދަރިވަރުންގެ ނިސްބަތް 3 އަހަރު ތެރޭ %37 އިން %46 އަށް އުފުލިއްޖެ: ރައީސް
އޯލެވެލް އިމްތިޙާނު ނިންމުމަށްފަހު މަތީ ސާނަވީ ނުވަތަ އޭލެވެލްއަށް ކިޔަވަން ވަންނަ ދަރިވަރުންގެ ނިސްބަތް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި %37 އިން %46 އަށް އުފުލިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވަމުންދާ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ދިގު މުއްދަތުގައި އޯލެވެލް ނިންމުމަށްފަހު އޭލެވެލްއަށް ގުޅެމުން އައިސްފައިވަނީ އެންމެ %37 ދަރިވަރުން ކަމަށެވެ. ނަމަވެސް، ތަޢުލީމީ ދާއިރާއަށް މި ސަރުކާރުން ގެނައި ހެޔޮ ބަދަލުތަކާއި، ދަރިވަރުންނަށް މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ފުޅާކޮށްދިނުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ނިސްބަތް %46 އަށް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމި ކުރިއެރުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ޢިލްމީ އަދި ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
