އަންނަ އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނެސް 11 އިންސައްތައިގެ ކުރިއެރުމެއް ހޯދޭނެ: ރައީސް
އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާތީ، 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ހިފާފައިވާ އަމާޒަށް ވާސިލުވެވުމާއެކު، 2025 ވަނަ އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން 11 އިންސައްތައިގެ ކުރިއެރުމެއް ހާސިލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު އެ އަދަދަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަކީ މުޅި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އަހަރު ފެށިގެން އައިއިރު ފަތުރުވެރިކަން ދިޔައީ ބާރުމިނުގައި ކުރިއަރަމުން ކަމަށާއި، އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހު ފަތުރުވެރިން އައި އަދަދު 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.4 އިންސައްތަ އިތުރުވި ކަމަށެވެ.
Ads by BMLނަމަވެސް ފެބްރުވަރީ މަހުގެ ފަހުކޮޅު ދުނިޔޭގައި ފެށުނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް، ބައެއް މަސްމަހު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 20 އިންސައްތައަށް ދަށްވެގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޖެޓްފިއުލްގެ އަގު ހެޔޮކުރުމާއި، އައު ރޫޓުތައް ތަޢާރަފުކޮށް ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓިންގ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިން އަންނަ ނިސްބަތް އަލުން އިތުރުވާން ފަށާފައިވާ ކަމަށާއި، މިހާރު ޖުމްލަ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 6.8 އިންސައްތަ ދަށުގައި ހުރި ނަމަވެސް، އަމާޒަކީ މިއަހަރު ނިމޭއިރު މިދިޔަ އަހަރު ހާސިލުކުރި މިންވަރާ ހަމައަށް ވާސިލުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
