އައި.ވީ.އެފްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ޞިއްޙީ ނިޒާމަށް ތިން އަހަރުތެރޭ ބޮޑު ކުރިއެރުމެއް ހޯދިއްޖެ: ރައީސް
ރާއްޖޭގައި އަލަށް އައި.ވީ.އެފްގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކޮށް ދިގު މުއްދަތަކަށް ބޭރުގައި ތިބެންޖެހުމުގެ ބުރަ މިހާރު އާއިލާތަކަށް ލުއިވެފައިވާ ކަމަށެވެ. ރާއްޖޭގައި ތިބެގެން އައި.ވީ.އެފް ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޞިއްޙީ ދާއިރާއިން ހޯދުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން ލިބެން ނެތް އަސާސީ އަދި ޚާއްޞަ ބަލިތަކުގެ ފަރުވާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، ކުރިން ޑަޔަލަސިސްގެ ޚިދުމަތް ނެތް ހަތް އަތޮޅެއްގައި އަލަށް އެ ޚިދުމަތް ފަށާފައިވާއިރު، ލެބޯރަޓަރީގެ ޚިދުމަތް ނެތް 24 ރަށެއްގައި ވަނީ އެ ޚިދުމަތް ޤާއިމުކޮށްފައެވެ.
Ads by BMLބަލިމީހުންނަށް ރަށުގައި ތިބެގެން ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ނެތް 18 ރަށެއްގައާއި، އަންހެނުންގެ ޚާއްޞަ ފަރުވާ ނެތް 14 ރަށެއްގައި މިހާރު ވަނީ އެ ޚިދުމަތްތައް ފަށާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ނެތް 11 ރަށެއްގައާއި، ސްޕީޗް ތެރަޕީގެ ޚިދުމަތް ނެތް 11 ރަށެއްގައިވެސް މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ އަލަށް ޚިދުމަތް ދޭން ފަށާފައެވެ. މި ބަދަލުތަކާއެކު، ބޭސްފަރުވާއަށް މާލެއާއި ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by MACL
